އުރީދޫން "ނިރު އެކްސެލެރޭޓަރ" ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ތަޢާރަފްކޮށްފިއެވެ.
މިއަދު ސޯލްޓް ކެފޭ ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރްގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް ޢާދަމް އާއި ޔޫ.އެން.ޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރ، ޝޯކޯ ނޯޑާއެވެ.
އުރީދޫން މަޢުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން އުރީދޫން ކުރިއަށްގެންދާ މި އެކްސެލެރޭޓަރ ޕްރޮގްރާމް ހިންގާނީ، މުޖުތަމައުގެ އެއްބައިވަންތަކަން އިތުރު ކުރުމާއެކު، މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަން ދީގެންކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ މި އަހަރުގެ ޕްރޮގްރާމް ގެ ތީމްތަކަކަށް ކަނޑައަޅާފައި ވަނީ "ގުޅިފައިވާ މުޖުތަމައު" ، "ގުޅިފައިވާ ސިޓީ"، 'މާލީ ޚިދުމަތްތައް" އަދި "ސްމާރޓް ޚިދުމަތްތައް" ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވީ، އަލަށް ފަށައިގަންނަ އަދި، ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް ކޮންމެ އަހަރަކު އެއް ފަހަރު، ހިންގާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވެ މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް މަރުހަބާ ކިޔާ ކަމަށެވެ.
އުރީދޫން ބުނީ ނިރު އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށީގެންވާ ޕްލެޓްފޯމެއް ކަމަށެވެ. އެ ގޮތުން، އެކްސެލެރޭޓާއަށް ހޮވާލެވޭ ޓީމްތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވާކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ ނިރު އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން އަންނަ އޮގަސްޓް މަހު ހެކަތޮން އެއް ބާއްވާނެ ކަމަށާއި، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ފަށާނެ ގޮތުގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.