Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ޑރ. ދޮންތުއްތޫ: ލޯތްބާއެކު އެތައް ބަޔަކަށް ފަރުވާ

ޑރ. ދޮން ތުއްތޫ، ފޮޓޯ: ހިއުމަންސް އޮފް އައްޑޫ

ސ. ފޭދޫ ދިލްކަޝްވިލާ އިބްރާހީމް ޚަލީލަކީ ނުވަތަ އާންމު ނަމުން ނަމަ ކޮއިބިއާގެ ޑރ. ދޮންތުއްތުއަކީ ސިއްޚީ ދާއިރާގައި މުޅި އައްޑޫ ސިޓީ ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއްކޮށްފައިވާ އަދި މިހާރު ވެސް މި ދާއިރާގައި މަސައްކަތް ކުރައްވާ ފާހަގަ ކޮށްލެވޭ މަޝްހޫރު ބޭފުޅެކެވެ.

ޑރ. ދޮންތުއްތު އަށް ދެ ކައިވެންޏަކުން 5 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ނަމަވެސް އޭނާގެ އަމިއްލަ އެއްވެސް ބޭފުޅަކު މިދާއިރާގައި ކުރިޔަށް ވަޑައެއް ނުގަންނަވައެވެ. ނަމަވެސް ކާފަ ކިޔުއްވާ ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކު މެޑިސިން ދާއިރާއިން ތައުލީމު ހާސިލް ކުރައްވަމުން ގެންދަވައެވެ.

ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަސްމީކޮށް އައްޑޫގައި ފެށިގެން ދިޔައިރު، ޑރ. ދޮންތުއްތު ވަނީ ޑޮކްޓަރެއްގެ ގޮތުގައި، ހެލްތުވޯކަރެއްގެ ގޮތުގައި އަދި ނަރުހެއްގެ ގޮތުގައި ކަމުގައި ވިޔަސް އެންމެ ގާތުން ޚިދުމަތް ދެއްވަމުން ގެންދަވާފައެވެ.

ފޭދޫ ސިއްހީ މަރުކަޒުގެ އިމަޖެންސީ ރޫމް ހުޅުވަނީ. ފޮޓޯ/ އައްޑޫ ލައިވް

މެދުކެނޑުމެއްނެތި މިދާއިރާގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޑރ. ދޮންތުއްތު އެންމެ ފުރަތަމަ ވެސް އަދާ ކުރެއްވި ވަޒީފާއެއް ކަމުގައިވަނީ އިނގިރޭސިން އުޅުނު ދުވަސްވަރު އިނގިރޭސިންނަށް ފަރުވާ ދޭ މަރުކަޒުގައި ތަރުޖަމާނެއްގެ ވަޒީފާއެވެ.

ނަވާރަސަތޭކަ ފަސްދޮޅުގެ އަހަރުތަކުގައި ރޯޔަލް އެއާރފޯސްގައި އުޅުއްވަމުން، އެތަނުގެ ސްޓާފުންނަށް ލިބުނު ޚާއްޞަ ފުރުސަތެއްގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ކެމްބްރިޖް އޯލެވެލް އިމްތިހާނު ހެދި ކުދިންތަކުގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ ޝަރަފު ވަނީ ހާޞިލް ކުރައްވާފައެވެ. އެގޮތުން އިނގިރޭސި ބަހުން ވަނީ އޯލެވެލް ހައްދަވާފައެވެ. އެ ދުވަސްވަރު އައްޑޫ ސިޓީގައި އިނގިރޭސީ އެނގޭ ތިބެނީ ދެތިން މީހެއް ކަމުން އެ ޝަރަފު ލިބުމަކީނ ޑރ. ދޮންތުއްތު އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އެއަށް ފަހު އަދާކުރައްވަން ފެއްޓެވި ވަޒީފާގައި ބަލިމީހުންގެ ގައިގާ ބޭސް އަޅާދިނުން ފަދަ މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުން ވެގެން ދިޔައީ މިދާއިރާއިން އިތުރަށް ޝައުޤުވެރިކަން އުފެދިގެން ދިޔަ ކަމަކަށެވެ.

އިނގިރޭސިން ގަމުގައި ހުޅުވި ހޮސްޕިޓަލުގައި ޑރ. ދޮންތުއްތު ވަނީ އެ ހޮސްޕިޓަލުގައި ކުރެވުނު ބޮޑެތި ކާމިޔާބު އޮޕަރޭޝަންތަކުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ލިބިވަޑައިގެންނެވި ތަޖުރިބާއާއި މައުލޫމަތުގެ އެހީގައި ވަރަށް އިތުބާރާއި ޔަޤީންކަމާއެކު އުމުރުން 27 އަހަރުގައި މި ޚިދުމަތަށް އޭނާ ނިކުމެވަޑައިގެން ބަލިމީހުންނަށް ފަރުވާދެމުން ގެންދެވީ އަމިއްލަ ގޭގައެވެ.

އެއަށްފަހު ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދާއިރާއިން ތަމްރީނު ފުރިހަމަ ކުރައްވާ ރަސްމީ ގޮތުން ޑޮކްޓަރީ ފަރުވާ ދިނުމުގެ ހުއްދަ ވަނީނ ހޯއްދަވާފައެވެ. ޑޮކްޓަރީ ތައުލީމު ޙާސިލް ނުކުރެއްވި ނަމަވެސް ދާއިރާގައި ލިބިލައްވަވާފައި ހުންނެވި ތަޖުރިބާއާއި ހުނަރާއި އަދި އިނގިރޭސި ބަހުން ހޯއްދަވާފައިވާ ސަނަދާއެކު “ބޭސްވެރިކަން ކުރުމުގެ ހުއްދަ” އޭރުގެ ސަރުކާރުން ދޮންތުއްތުބެއަށް ވަނީ ދެއްވާފައެެވެ.

އާދައިގެ ބަލިތަކުން ފެށިގެން ބޮޑެތި ބަލިތަކާއި ހަމަޔަށް ފަރުވާ ދެއްވާނެ ޑޮކްޓަރެއް ނެތް ދުވަސްވަރެއްގައި ހިތްވަރާއި ހިންމަތާއެކު ކުރެއްވި މަސައްކަތުން ޑރ. ދޮންތުއްތު ވަނީ އެތައް ބައެއްގެ ލޯތްބާއި އިތުބާރު ހޯއްްދަވާފައެވެ. އެ ގޮތުން ފާހަގަ ކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ބަލިމީހަކަށް ދިމާވި ކުއްލި ހާދިސާއަކާއި ގުޅިގެން ފަރުވާ ދެއްވާނެ ޚާއްޞަ އެއްވެސް ޑޮކްޓަރެއްނެތި މާލެ ފޮނުވާލެވޭނެ ގޮތެއް ވެސް ނެތް ހާލަތެއްގައި އޮޕަރޭޝަނެއް ކޮށް ބަލިމީހާއަށް ފަރުވާ ދެއްވި ދުވަހާއި ރުކަކުން ވެއްޓި ޖެހުނު އެއްޗަކުން މޫނުގެ އަރިމަތިންނާއި ނިއްކުރިމަތިން ވަރަށް ބޮޑަށް ފަޅައިގެންގޮސް ސީރިއަސް ގެއްލުންތަކެއް ލިބުނު އަންހެނެއްގެ ކާމިޔާބު އޮޕަރޭޝަނަކީ ފާހަގަކޮށްލެވޭނެ މަސައްކަތްތަކެވެ.

ޑރ. ދޮންތުއްތު ޑޮކްޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ތަންތަނުގެ ތެރޭގައި ފޭދޫ ސިއްޙީ މަރުކަޒާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިމެނެއެވެ. އަދި އަލްފާޑްގެ ނަމުގައި ކްލިނިކެއް އަދި އަލްފާޑް ފާމަސީއެއް ހިންގަވަމުން ގޮސްފައިވާއިރު، އެ ކްލިނިކްގައި މަސައްކަތް ކުރައްވާ ހަމައެކަނި ޑޮކްޓަރަކީވެސް އޭނާއެވެ.

ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރެއްވުމުން ޑރ. ދޮންތުއްތު މިހާރުވެސް ގެންދަވަނީ އަމިއްލަފުޅު ކްލިނިކްގައި ބަލިމީހުން ބައްލަވަމުންނެވެ.