Last Updated: June 9, 14:14
Tuesday, June 9, 2026
ރިޕޯޓް

ޖިންސީ ޙަޔާތް ހީވާގިކޮށްލަން ރަށްފުށަށް ޖެހިލާ!

ރަށްފުށުގެ ހިސާބަކަށް ދިރިއުޅުން ބަދަލުކޮށްލުމަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެލައްވައެވެ. ނަމަވެސް މީގެ އިތުރު ފައިދާއެއް ދިރާސާ ތަކުން ވަނީ ހޯދިފައެވެ. މި ދިރާސާ ދައްކާ ގޮތުން ރަށްފުށަށް ދިރިއުޅުން ބަދަލުކޮށްލުމުން ޖިންސީ ޙަޔާތަށް އިތުރު އާރޯކަމެއް ލިބިދެއެވެ. ތާޒާ ވެގެންދާނެއެވެ. އަސަރުން ދިރާސާއެއް ބުނާގޮތުން، ފެހި ވެއްޓަކަށް ތިމާ ބަދަލުވުމުން ޖިންސީގުޅުން ހިންގުމުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ.

ސަހަރުގައި ކުރިން ދިރިއުޅެފައި، ރަށްފުށަށް ބަދަލުވީ ވަރަށް ގިނަ އަންހެނުން މި ދިރާސާގައި ބައިވެރިވެފައިވެއެވެ. އެ މީހުން ކަށަވަރުކޮށްދޭ ގޮތުގައި، ދިރިއުޅުން ރަށްފުށަށް ބަދަލުކުރި ފަހުން އެމީހުންގެ ޖިންސީ ޙަޔާތް އިތުރަށް ތާޒާވެއްޖެއެވެ. ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެއްޖެއެވެ. ފިރިމީހާގެ އަޅާލުން އިތުރުވެއްޖެއެވެ. ލޯބި ގަދަވެއްޖެއެވެ. ދަމައިގަންނަ ބާރު ދޭތެރޭގައި އޮބިނޯންނަވަރު ވެއެވެ.

ހަމަ އެފަދައިން މި ދިރާސާގައި ބައިވެރިވީ ކޮންމެ 5 މީހަކުން 4 މީހުން ދެކޭގޮތުގައި، އެ މީހުން ރަށްފުށަށް ދިރިއުޅުން ބަދަލުކުރިފަހުން ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ރަނގަޅުވެއްޖެއެވެ. އެގޮތުން ސިއްޙީ ވެއްޓެއްގައި ދިރިއުޅެވޭތީ، ދިގު މުއްދަތެއްގައި ދިރިހުރެވޭނެ ކަމުގެ އުއްމީދު ވެސް އިތުރުވެއްޖެކަމުގައި އެމީހުން ބުނެފައިއެވެ.

ދެމަފިރިންގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ދިރާސާތައް ކުރެވެއެވެ. މިގޮތުން ކަމުގެ ތަޖުރިބާކާރުން ވަނީ ވަރަށް ގިނަ އަގުހުރި ނަސޭޙަތްތައް ދެއްވާފައެވެ. މިއިން ކޮންމެ ދިރާސާއެއްވެސް ކަށަވަރުކޮށްދޭގޮތުން ޒަވާޖީ ޙަޔާތެއްގައި ޖިންސީ ގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. ވީމާ އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަން ބޭނުންވާ ކޮންމެ ދެމަފިރިއަކުވެސް މި މުހިއްމު ބަޔަށް އިހުމާލުވެގެން ނުވާނެއެވެ.

ހަމަ އެފަދައިން މިޒަމާނުގެ ޢިލްމީ ދިރާސާތަކުން ހާމަވާ ގޮތުގައި ޖިންސީގުޅުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެ މީހަކުވެގެން ކުރިމަތިލާ މުޤާބަލާއެއް ނޫނެވެ. މި ގުޅުމުގެ ޙަޤީޤީ އުފަލާއި އަރާމު ލިބިގަނެވޭނީ ލޯތްބާއި އޯގާތެރިކަން އެކުލެވިގެންނެވެ. މިފަދައަކުން ގުޅުން އޮންނަ ނަމަ ކާވެނީގެ ގޮށް އިތުރަށް ވަރުގަދަވެ ޒަވާޖީ ޙަޔާތް ހަރުދަނާވެގެން ދާނެއެވެ.

މިގޮތުން، ޙަޔާތުގެ ތަސްވީރުގައި ވިއްސާރަދުނީގެ ހިތްގައިމު ކުލަ ޖައްސާލުމަށް އެހީތެރިވެދޭނެ ބައެއް ނަސޭޙަތްތައް، ތަޖުރިބާކާރުން ވިދާޅުވާގޮތަށް ބަޔާންކޮށްލާނަމެވެ. މިއީ އަނބިންނަށް މުޚާތަބުކުރެވިފައިވާ ނަސޭޙަތްކޮޅެއް ކަމުގައި ވިޔަސް މީގައި ހިމެނޭ ކޮންމެ ކަމަކީވެސް ފިރިންނަށްވެސް، އިސްނަގައިގެން ކުރެވި ދާނެ ކަންކަމެވެ.

ބައްދަލުވުމަށް އެކަށޭނަ މާޙައުލެއް އުފައްދާށެވެ. ހިމޭން ރޮމޭންޓިކް މިޔުޒިކެއް ޖަހާށެވެ. މާޙައުލަށް ޑްރީމީ ގޮތް އިތުރުކޮށްލުމަށެވެ. ހަމަޖެހުމާއި އަރާމު އިޙްސާސްވާނެއެވެ.

ބައިވެރިއާ އާއި އެކު "ހީވާގި" ރެއެއް ހިތްގައިމު ކަމާއެކު ހޭދަކޮށްލުމަށް ރާވާފައި ވާނަމަ، ފިރިމީހާ ކުޅުދިޔާވާ ކަހަލަ މީރު ކާތަކެތީގެ ސުފުރާއެއް ތައްޔާރުކޮށްލާށެވެ. ކަލާގެ އަތުން ތައްޔާރުކޮށްފައި ފިރިމީހާއަށް ދަޢުވަތުދޭށެވެ. ކާތަކެތީގައި ލޮނު ހެޔޮވަރު ކުރެވިއްޖެ ނަމަ އެރެއްގެ ފޮނިރަހަ ތިބާގެ ކަރުތެރޭގައިވެސް ލާނެއެވެ.

އޭނާގެ ސަމާލުކަން ދަމައިގަންނާށެވެ. ރީތި، ނިކަން އަސަރުގަދަ ހެދުމެއް އިޚްތިޔާރުކުރާށެވެ. އަދި މޭކަޕް ކުރުމުގައި މާ ގޮތްބޮޑު ނުކުރާށެވެ. މާ ވަސްގަދަ ސެންޓުގެ ބަދަލުގައި ހިތްދަމައިގަންނަ ފަދަ އޮމާން ވަހެއް ހުންނަ ސެންޓެއް ބޭނުންކުރާށެވެ.

ވީހާވެސް ރޮމޭންޓިކް ވާށެވެ. ލޯތްބަށް އެންމެ އެކަށީގެންވާ ޖައްވެއް އުފެއްދުމުގައި، ޚިޔާލު ތަނަވަސް އުފެއްދުންތެރިއަކަށް ވާށެވެ. ޚާއްސަ ވަގުތުކޮޅަށްޓަކައި ހަނދުވަރުގައި ހުންނަ ފަދަ ޝާޢިރީ އައްޔެއް ބޭނުންކުރާށެވެ. އުއްބައްތިއަކީ މިފަދަ ލޯބީގެ މާޙައުލުތަކުގައި ވަރަށް ހިނގާއެއްޗެކެވެ. ފިރިމީހާ އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ނަފްސާނީގޮތުން ވެސް ތައްޔާރުވެގެން އިންނާށެވެ.

ދުވާލުގެ މައްސަލަތައް އިހަށް ހަނދާން ނައްތާލާށެވެ. ފިރިމީހާއާ އެކު ދުވާލު ޖެހޭ ކުދިކުދި މައްސަލަތައް އެއްފަރާތްކޮށްލާށެވެ. އަދި މި ވަގުތުކޮޅަކީ ހަމައެކަނި ލޯބީގެ ހުޅުގަނޑު އާރޯކުރަން ޚާއްސަ ވަގުތެއް ކަމުގައިވެސް ހަދާށެވެ. ބުރަ މާދަމާއަކަށް އެކަށީގެންވާ ގޮތެއްގައި އެއިރުން ކުރިމަތިލެވޭނެއެވެ.

ކައިވެންޏަށްފަހު ލޯބި މަރުވަމުންދާ ކަމަށް ޤަބޫލު ކުރާ މީހުން މިކަންތައް ތަޖުރިބާ ކޮށްލައްވާށެވެ. ހިތްހަމަޖެހުމަކީ ދިރިއުޅުމެއްގައި ވަރަށް މުހިއްމު އަސާސެއްކަން ހަނދާން ނައްތާނުލާށެވެ. ދަރިން ލިބުމަކީ ތިބާގެ އިޙުސާސް ނެތޭ ކަމަކަށް ނަހަދާށެވެ. ކުދިން ތިއްބަސް ތިބާގެ ދިރިއުޅުމުގައި ރަހަ ހެޔޮވަރު ކަމަށް ވާނަމަ އެހެން ރަހައެއް ބަލަން ތިބާގެ ބައިވެރިޔާ ޝައުޤުވެރިކަމެއް ނުހުންނާނެއެވެ.