Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ވިހާމަރުވާ ރެކޯޑް ބެލެހެއްޓުން ހައުސިން އަށް

ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ހައުސިން މިނިސްޓްރީ

ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ލާމަރުކަޒީ ޤާނޫނުގައި މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ހައުސިންގެ ދަށަށް ބަދަލުކޮށްފައިވާއިރު، މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ރަށްވެހި ނުވެ ދިރިއުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރާއި މާލެ އާއި ވިލިމާލޭގެ ފްލެޓްތައް ވެސް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ހުރިހާ ޒިންމާތަކެއް ނިގުޅައިގެންފައިވާ ކަމަށާއި ޤާނޫނުގައި ހަވާލުކޮށްފައިވާ ކަންކަމުގެ ތެރެއިން، އާސާރީ ދެތިން ތަނެއް ބެލެހެއްޓުން ފިޔަވައި އެ ކައުންސިލަށް އެއްވެސް މަސައްކަތެއް ނެތް ކަަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔާރ ޝަމާއު ވިދާޅުވީ ދަފްތަރު ބެލެހެއްޓުމާއި ވިހާމަރުވާ މީހުންގެ ރެކޯޑު ފަދަ ކަންކަން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރީ، ރިޔާސީ އިންތިޚާބާ ދިމާކޮށް، ވޯޓު ގަޑުބަޑު ކުރުމަށެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީން ބުނީ މާލޭ ސިޓީ ކައުންސިލުގެ ބައެއް ޚިދުމަތްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ނުދޭތީ އެވެ.

ވިހާމަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި ވަނީ އަލުން ހުޅުވާލައިފަ އެވެ.