އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލޭބާ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ މިއަދު ހަވާލުކޮށްފި އެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޠޯރިގު އިބްރާހީމެވެ. އަދި އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ، އެ ދެ މަޝްރޫއަށް ޖުމްލަ 30 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.
އެގޮތުން މަތިވެރީގެ ނަދުރަމާ ގާއިމުކުރުމަށް 13.6 މިލިޔަން ރުފިޔާ ޚަރަދުވާއިރު، ނިލަންދޫގެ ފެނުގެ ނިޒާމަށް 16.7 މިލިޔަން ރުފިޔާގެ ޚަރަދެއް ދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
މި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ދޫކުރާނީ އެސްޓީއޯ އިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާތަނަށް މި ސަރުކާރުން 22 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމާފައިވާއިރު، 42 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައި ވަނީ 12 މަސް ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.