ސީޕްލޭން އޮޕަރޭޓްކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ 50 ވަނަ ސީޕްލޭން އިއްޔެ ރާއްޖެ ގެނެސްފި އެވެ.
ކެނެޑާގެ ކެލްގަރީން ގެނައީ 16 މީހުންގެ ޖާގައިގެ ޓުވިން އޮޓާ މަރުކާރުގެ ބޯޓެއް ކަމަށާއި، މި ބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ޓީއެމްއޭ އިން ބުނެއެވެ.
ޓީއެމްއޭއިން ބުނީ އާ ބޯޓަކީ ރާއްޖޭގައި ޓޫރިޒަމްގެ ޑިމާންޑް އިތުރުވަމުން އަންނާތީ ޚިދުމަތް ފުޅާކުރަން ގެނައި ބޯޓެއް ކަމަށެވެ.
ޓީއެމްއޭއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ރޯލެއް އަދާކުރަމުންދާއިރު ރާއްޖޭގެ ރިސޯޓުތަކަށް މީހުން އުފުލުމުގައި އެންމެ ގިނައިން ބޭނުކުރަނީ ޓީއެމްއޭގެ ސީޕްލޭންތަކެވެ.
ޓީއެމްއޭ އިން އެންމެ ފަހުން ސީ ޕްލޭނެއް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޓީއެމްއޭ އިން ވަނީ 1.29 މިލިއަން ފަތުރުވެރިން އުފުލައިފައެވެ.
އެމެރިކާ އިންވެސްޓްމަންޓް ކުންފުނި، ބައިން ކެޕިޓަލް އާއި ޗައިނާގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕާ ގުޅިގެން، ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ގަނެފަ އެވެ.