އިންޑިއާގެ ވެރިރަށް ދިއްލީގެ ގެއެއްގައި މަރުވެފައި ވަނިކޮށް ފެނުނު އެއް އާއިލާއެއްގެ 11 މީހުން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ދޭހަވާ ސީސީޓީވީ ފުޓޭޖު ފެނިއްޖެ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.
އެފުޓޭޖުން ފެންނަނީ އާއިލާގެ މެމްބަރުން ގޮނޑިތަކަކާއި ވައިރުތަކެއް ހިފައިގެން ގެއަށް ވަންނަ މަންޒަރެވެ. ފުލުހުން ލަފާކުރާ ގޮތުގައި އެ ގޮނޑިތަކާއި ވައިރުތަކަކީ އެމީހުން ދަންޖެހެން ބޭނުން ކުރި އެއްޗެހި އެވެ.
އެ އާއިލާގެ 11 މެމްބަރުން ވެސް މަރުވީ ދަންޖެހިގެން ކަން ޕޯސްޓް-މޯޓެމް ރިޕޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ވަނީ އެފުޓެޖު ފެނުނު ނަމަވެސް، އެމީހުން މަރުވީ އަމިއްލައަށް ކަމަށް އަދި ނިންމާފައި ނުވާ ކަމަށާއި އެމައްސަލަ އަދި ވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
"ކަން ހިނގި ގޮތް ރަނގަޅަށް ދެނެގަތުމަށް ޓަކައި ފާއިތުވި ތިން މަސް ދުވަހުގެ ސީސީޓީވީ ފުޓެޖު ބަލަން ޖެހޭނެ،" ޕޮލިސް އޮފިސަރަކު ވިދާޅުވި އެވެ.
މަރުވެފައި ތިއްބާ ފެނުނު އެ 11 މީހުންނަކީ ވެސް ބާޓިއާ އާއިލާގެ މެމްބަރުންނެވެ. އޭގެ ތެރޭގައި 75 އަހަރުގެ ނަރާޔަން ދޭވީ އާއި އޭނާގެ އަންހެން ދަރިފުޅާއި ދެ ފިރިހެން ދަރިންގެ އެ ދެ ފިރިހެނުންގެ އަނބިންނާއި އެމީހުންގެ ފަސް ކުދިން ވެސް ހިމެނެ އެވެ.
ނަރާޔަން ދޭވީ އެންމެ ހަނގު ރަދިފުޅު ކަމަށްވާ ލަލިތް ބާޓިއާ އަށް ނިސްބަތްވާ 11 ޑައިރީއެއް ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ.
އެޑައިރީތަކުގައިވާ ގޮތުން، 2008 ވަނަ އަހަރު މަރުވި ބާތިއާގެ ބައްޕަ ވަނީ އޭނައަށް "އަވަލާފައި" އެވެ. އަދި އެމީހުން މަރުވީ، "ބައްޕަގެ ރޫހު" އައިސް އެމީހުން ސަލާމަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޑައިރީން ދޭހަވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ދިރިއުޅެމުން ދިޔައީ އުތުރު ދިއްލީގެ ބުރާރީގައި ހުންނަ ތިން ބުރީގެ ގެއެއްގަ އެވެ.
އެއާއިލާގެ އަވަށްޓެރިން ބުނާ ގޮތުގައި އެއީ މުޖުތަމައުގައި ވަރަށް ހަރަކާތްތެރި ބައެކެވެ. އަދި އެއީ "ދީނީ، އުފާވެރި، މާލީ ގޮތުން ތަނަވަސް" ބަޔެއް ކަމަށް ވެސް އަވަށްޓެރިން ބުނެއެވެ.
އެއާއިލާގެ އެންމެ ދޮށީ މާމަ ދަރިފުޅު، ޕްރިޔަންކާ، 33، ވަނީ މީގެ ދެ ހަފްތާ ކުރިން އެންގޭޖް ވެފަ އެވެ. އަދި އެކަން ފާހަގަ ކުރުމަށް އެއާއިލާ އިން ވަނީ ވަރަށް ބޮޑު ޕާޓީއެއް ވެސް ބާއްވައިފަ އެވެ.