Last Updated: May 8, 02:23
Wednesday, May 8, 2024
ރިޕޯޓް

ހިޔާލީ ވައުދު

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު އެންމެ އަޑުހަރުކޮށް ރައްޔިތު މީހާއަށް އިވޭ އެއް އަޑަކީ ރިއާސީ ކެމްޕެއިނުގެ ވައުދުތަކުގެ އަޑެވެ. މި ވައުދު ތަކުގެ ވިލާގަނޑުގައި ރާއްޖެއިން ތެޔޮނެގުމާއި، ކޮންމެ އަހަރަކު 100 މަސްދޯނި ބަނދެ ދިނުމާއި ހުއިފިލަނޑާ އާލާކޮށްގެން ފަސް އަހަރުން ދޮޅު ބިލިއަން ޑޮލަރު ހޯދުން ހިމެނިފައިވާއިރު މިއީ އެބައެއް ނިސްބަތްވާ ޕާޓީއަކުން ކުރާ ވައުދަކަށް ވީތީ އެއީ ކޮންމެފަދަ ކަމަކަށް ވިޔަސް އެކަމެއް އޮތީ ކަމުގޮސްފައެވެ.

ސިޔާސީ ފަރާތްތަކުން ވައުދުތައް ވާނެއެވެ. ދުނިޔޭގެ ދިމުގުރާތީ ނިޒާމެއް އޮތް ކޮންމެ ގައުމެއްގައިވެސް ކަން ހިނގަނީ ހަމަ މި އުސޫލުންނެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ސިޔާސީ ފަރާތްތަކުން މިކުރާ ވައުދުތަކަކީ ހަމަ ބައިނަލްއަގުވާމީ މުޖްތަމަޢުވެސް އަޖައިބުވެ ކޮސްވާވަރުގެ ވައުދުތަކެވެ. މީގެ ދެރަކަމަކީ މިފަދަ މޮޔަ ވައުދުތައް ވަމުންދާއިރު، އެއްވެސްކަހަލަ ބެލުމެއް ނެތި އެ ވައުދުތައް ގިނަބަޔަކު ހަމަ އެބައެއްގެ ޕާޓީއަށްޓަކައި ގަބޫލުކޮށްލާ ކަމެވެ.

ހުއި ފިލަނޑާ އާލާކޮށްގެން 1.5 ބިލިއަން ޑޮލަރު 5 އަހަރު ތެރޭގައި ހޯދާނެ ވާހަކަ ރައީސް ނަޝީދު އެބަ ވިދާޅުވެއެވެ. މިއީ ކުރެވިދާނެ ކަމެއްތޯ ވިސްނީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

1.5 ބިލިއަން ޑޮލަރު 5 އަހަރުން ހޯދާނަމަ، އަހަރެއްގެ ތެރޭގައި 200 މިލިއަން ޑޮލަރު ގެ އަގުހުރި ހުއިފިލަނޑާ އެކްސްޕޯޓު ކުރަންޖެހެއެވެ. ތަފާސް ހިސާބު ތަކުން ދައްކާގޮތުން 2011 ވަނަ އަހަރު ގެ ރާއްޖޭގެ އެކްސްޕޯޓް ރޭޓު އުޅެނީ 346 މިލިއަން ޑޮލަރު ގައެވެ. އެއީ ދިވެހި ރާއްޖޭގައި އުފައްދާ މަހުގެ ހުރިހާ ބާވަތަކާއި، ކާއްޓާއި، ތުނޑު ކުނަލާއި އަދި އެހެނިހެން އެންމެހާ އެއްޗެއް އެއްކޮށް އެކްސްޕޯޓް ކުރުމުން ޖެހޭ އަދަދެވެ. 200 މިލިއަން ޑޮލަރަކީ އެ އަދަދުގެ 50 އިންސައްތައަށް ވުރެވެސް މަތީ އަދަދެކެވެ.

ފިލިޕީންސް އަކީ ދުނިޔޭގައި ހުއިފިލަނޑާ ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ޤައުމެވެ. އެ ޤައުމުގައި ވެސް ހުއިފިލަނޑާ އެކްސްޕޯޓު ކޮށްގެން އަހަރެއްގެ ތެރޭގައި 30 މިލިއަން ޑޮލަރުވެސް ނުލިބެއެވެ. ރާއްޖެ ފަދަ ވަސީލަތްތައް މަދު ޤައުމަކުން 200 މިލިއަން ޑޮލަރު ގެ ހުއިފިލަނޑާ ނެރެވިދާނެއޭ ބުނުމަކީ ބުއްދި ޤަބޫލު ކުރާ ކަމެއް ނޫނެވެ.

ރާއްޖޭގެ ކަނޑުތަކުގައި ޤުދުރަތީ ގޮތުން އުފެދޭ ހުއިފިލަނޑާ އަކުން ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިއެއް ނުކުރެވޭނެއެވެ. އެހެންކަމުން ޖެހޭނީ ހުއިފިލަނޑާ ދިރުވާ އާލާ ކުރާށެވެ. އެކަމަށް ބޮޑެތި ބިންތައް ބޭނުންވެއެވެ. އަމުދުން 200 މިލިއަން ޑޮލަރު ހޯދަން ބޭނުންނަމަ އައްޑު އަތޮޅު ވަރުގެ ބޮޑެތި ބިންތަކުގައި ނޫނީ އެކަމެއް ނުވާނެއެވެ.
އައްޑޫ އަތޮޅަށްވުރެ އެތައް ގުނަ ބޮޑު ބިމެއްގައި ޗައިނާއިން ހުއިފިލަނޑާ އާލާކޮށްގެން އަހަރެއްގެ ތެރޭގައި ޖެހެނީ ގާތްގަނޑަކަށް 3 މިލިއަން ޑޮލަރެވެ.
މިފަދަ ބޮޑު ބިމެއް ހިއްކަން އެކަނިވެސް 50 މިލިއަން ވަރަކަށް ޑޮލަރު ޙަރަދު ވާނެއެވެ.

މި ވައުދުގައި ވާގޮތުން މި ދާއިރާގެ ކަންކަމަށް އެހީވާން 5 އަހަރު ތެރޭ ދެވެނީ 12 މިލިއަން ޑޮލަރެވެ. އެއީ ކޮންމެ އަހަރުކު 2.4 މިލިއަން ޑޮލަރެވެ. 60 ޕްރޮޖެކްޓު ހިންގާނަމަ ކޮންމެ ޕުރޮޖެކްޓަކަށް އެންމެ 40 ހާސް ޑޮލަރެވެ. އެހެންކަމުން ލޯނު އެހީ އިން މިކަމަށް ބޭނުން ވާނެ ބިންވެސް ތައްޔާރު ކޮށްނުލެވޭނެއެވެ.

މީރާގެ ހިސާބު ތަކުން ދައްކާ ގޮތުގައި 2011 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 583 މިލިއަން ޑޮލަރެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަން އަދި އެހެނިހެން ކުދި ސިނާއަތްތަކުން ލިބޭ ހުރިހާ އާމްދަނީ އަކާއި ދާދި އެއްވަރުގެ އަދަދެއް ހުއިފިލަނޑާ ވިއްކައިގެން ލިބޭނެ ވާހަކަ ދެއްކުމުން އެންމެންވެސް މިތިބެނީ އެކަން ޤަބޫލުކޮށް ހެވިލައިގެންނެވެ.

މުޅި މި ވިޔަފާރިންވެސް 5 އަހަރު ތެރޭ އުފެދޭނެ ކަމަށް ވަނީ 1800 ވަޒީފާއެވެ. އެއީ އަހަރަކު 360 ވަޒީފާއެވެ. އެއީ މުޅި ރާއްޖޭގައި 60 ޕުރޮޖެކްޓު ހިންގައިގެންނެވެ. އެހެންކަމުން އެއީ ކޮންމެ ޕްރޮޖެކްޓެއްގައިވެސް އެންމެ 6 ވަޒީފާއެވެ. އަހަރަކު 200 މިލިއަން ޑޮލަރު ހޯދާނަމަ ކޮންމެ 6 މީހަކު ވެގެން އަހަރެއްގެ ތެރޭގައި 3 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.
މިހާރުވެސް މުޅި ރާއްޖެއިން ހުއި ފިލަނޑާ އެކްސްޕޯރޓު ކޮށްގެން 3 މިލިއަން ޑޮލަރު ނުޖެހެއެވެ.

އަދި މީގެ އެންމެ ހެއްވާ ކަމަކީ އެއް ވައުދު އަނެއް ވައުދާއި ފުށު އަރާކަމެވެ. ގެސްޓްހައުސް ވިޔަފާރިއާއި ހުއިފިލަނޑާ ވިޔަފާރި އަކީ އެކަތި އަނެކައްޗަށް ފުށުއަރާ ދެކަމެވެ.

މިސާލަކަށް އައްޑޫސިޓީ އަށް ޓުއަރިސްޓުން އަންނާނީ އައްޑޫގެ ޤުދުރަތީ ރީތިކަން ދެކިލާށެވެ. އެގޮތުން އައްޑޫގައި އެންމެ ހިތްގައިމު ތަނަކަށް އޮތީ "އީދި ގަލި ކިޅި" އާއި މާކިޅި" އެވެ. މި ދެތަނުގައި ހުއި ފިލަނޑާ ވައުދުގެ ދަށުން ހުއިފިލަނޑާ އާލާ ކުރާނަމަ މުޅި އެތަނުގެ ޤުދުރަތީ ރީތިކަން ގެއްލިގެން ދާނެއެވެ. ޔަޤީނުންވެސް ހުއިފިލަނޑާ ނަގާކަށް ފަތުރުވެރިންނެއް އެތަނަކަށް ނުދާނެއެވެ.

ކޮންވެންޝަން ސެންޓަރު ސަރަހައްދަކީ ހުދު ރައީސް ނަޝީދު އަމިއްލަޔަށް "ފަޅު" ސަރަހައްދަކަށް ހަދާ އެތަނުގައި ފަތުރުވެރިކަމުގެ ހަރަކާތްތަށް ފުޅާ ކުރަން ނިންމެވި ސަރަހައްދެކެވެ. ހަމަ އެ ސަރަހައްދުގައި އަނެއްކާ ހުއިފިލަނޑާ ދިރުވާ އާލާ ކުރާ ވާހަކަ ދެއްކުމުން އަންނަނީ ހިންޏެވެ.

ރަނގަޅަށް ވިސްނާ ފިކުރު ކުރުމުން މިކަމަކީ ތާކުންތާކު ނުޖެހޭ މޮޔަ ވާހަކަ ތަކެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ރައްޔިތުން ޖެހެނީ މި ކަހަލަ ކޮސް ވައުދުތަކަށް ނުހެއްލި ހުށިޔާރުވާށެވެ. އޭރުން ސިޔާސީ މީހުންނަށްވެސް ކޮންމެ މީހަކަށް ނަރުހެއް ދޭނަމެ، ކޮންމެ މީހަކަށް ގެސްޓު ހައުސް އެކޭ ކިޔާ ހުސް ވައުދު ތަކެއް ވާން ޖެހިލުންވާނެއެވެ.