Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ހެސަވާދަ މުބާރާތަށް އަގުހުރި އިނާމްތަކެއް ކަނޑައަޅައިފި

ސިފައިންނަށް ކުރިއަށް ގެންދިޔަ ހެސަވާދަ މުބާރާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އާންމުންނަށް ހުޅުވާލައިގެން އެމްއެންޑީއެފުން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ "ހެސަ ވާދަ 2018" މުބާރާތަށް އަގުހުރި އިނާމްތަކެއް ކަނޑައަޅައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި މުބާރާތަކީ، ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި އިވެންޓްތަކެއް ހިމަނައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

ސަރުކާރު އޮފީސް އަދި ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނަ ޓީމަށް 50 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓީމަށް 30 ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 25 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި މުބާރާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން ބައިވެރިވާން ބޭނުންވާ ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ އިތުރުކޮށްފައެވެ.

މިގޮތުން މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ (މޯބައިލް ނަންބަރ: 9192607) އަށް ރަސްމީ ގަޑީގައި ގުޅުއްވުމުން ނުވަތަ މެސެޖު ކުރައްވައިގެން ޓީމުތައް ނަންނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި، މެއިލް ކުރައްވާނަމަ މެއިލްކުރައްވާނީ، [email protected] މި އެޑްރެހަށެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުން ކަމަށާއި ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު 8 ބައިވެރިން ހިމަނަންޖެހޭއިރު، އިވެންޓްގައި އެއްފަހަރާ ވާދަކުރެވޭނީ 5 ބައިވެރިންނަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.