Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

މިނިވަން މުސްތަޤިއްލު އީސީއެއް އެކުލަވާލުމަށް އެމްޑީޕީން ގޮވާލައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ވޯޓާސް ލިސްޓާ ގުޅޭގޮތުން އެމްޑީޕީ އިން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާކަމަށް ބުނެ އެޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް އެޕާޓީން ނުދެކޭ ކަމަށެވެ.

އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި އައިޑީ ކާޑު ނަންބަރާއި، ނަމާއި، އެޑްރެސް ބަލާ، އަޅާކިޔާ، ޔަޤީންކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"އެހެންނަމަވެސް ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ ޢާންމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައެއް ނުވެއެވެ. މިމަސްއަލަވާނީ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ."، އެ ބަޔާނުގައި ވެއެވެ.

"ހައުސިންގ މިނިސްޓްރީއިންވަނީ ދަފުތަރުގައި ނަން ޖެއްސުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމުގެ ސަބަބުން ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސްއިން ޢާންމުކޮށްފައިވާ ލިސްޓަށް ބަދަލު އަންނާނެކަމަށްޓަކައި، 1 ޖުލައި 2018 ގެ ފަހުން ރަށްވެހިކަން ބަދަލުނުކުރުމަށް އެކޮމިޝަނުންވަނީ އެދިފައެވެ. މިއާ ޚިލާފަށް، ދަފުތަރަށް އުނިއިތުރު ގެނައިނަމަވެސް، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް ބަދަލު ނާންނާނެކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ."، އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް އޮޅުންބޮޅުން އެރިޔަ ނުދިނުމަށް، ދަފުތަރަށް އުނިއިތުރު ނުގެނައުމަށް އެމްޑީޕީއިން ވާނީ ގޮވާލާފައި ކަމަށާއި އެކަމަށްވެސް އީޖާބީ ބަހެއް ލިބިފައެއް ނުވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.