Last Updated: June 27, 09:43
Saturday, June 27, 2026
ޚަބަރު

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށް

ނަވާޒް ޝަރީފް ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައި - ފޮޓޯ: އޭއެފްޕީ

ލަންޑަނުން ގަތް ހަތަރު ލަގްޒަރީ ފްލެޓާ ގުޅިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވާ ކަމަށް ބުނެ، އޭނާ 10 އަހަރަށް ޖަލަށް ލާން އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އެޤައުމުގެ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ހަތް އަހަރަށް އަދި ނަވާޒް ޝަރީފްގެ ދަނބިދަރިކަލުން ސަފްދާރް އަވަން އެއް އަހަރަށް ޖަލަށް ލާން ޙުކުމްކުރާ ކަމަށެވެ.

މި މައްސަލައާއި ބެހޭގޮތުން ނަވާޒް ޝަރީފް ވިދާޅުވީ މިއީ އޭނާއާ ދެކޮޅަށް ސިޔާސީ މަޤްސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.

ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް މިވަގުތު ދަނީ ލަންޑަންގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އެހެންކަމުން ނަވާޒް ޝަރީފް އާއި އޭނާގެ ދަރިކަނބަލުން މިހާރު ތިބީ ލަންޑަންގަ އެވެ.

މީގެ އިތުރުން ނަވާޒް ޝަރީފް އަށް މިލިއަން ޕައުންޑޫން ޖޫރިމަނާކޮށްފައިވާއިރު، މަރްޔަމް ޖޫރިމަނާކޮށްފައި ވަނީ ދެ މިލިއަން ޕައުންޑުންނެވެ.

މި މައްސަލައިގެ ހުކުމާ ގުޅިގެން މި މަހު 25 ގައި އޮންނަ ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި މަރިޔަމް އަށް ވާދައެއް ނުކުރެވޭނެ އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުރިން ވަނީ ސިޔާސީ މަގާމުތައް ފުރުން ނަވާޒް ޝަރީފަށް އުމުރަށް މަނާކޮށްފަ އެވެ.