Last Updated: May 15, 13:02
Wednesday, May 15, 2024
ކުޅިވަރު

ބްރެޒިލް ކަޓުވާލައި، ބެލްޖިއަމް ސެމީ އަށް

ކަޒާން، ރަޝިޔާ: 2018 ގެ ވޯލްޑްކަޕް ގެ ކުއާޓާފައިނަލް ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބްރެޒިލް ކަޓުވާލުމަށްފަހު ބެލްޖިއަމް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުން ބެލްޖިއަމް މޮޅުވީ 2-1 އިން ނެވެ.

މިރޭގެ މެޗަށް ނިކުތްއިރު ބްރެޒިލް އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން އެނބުރިއައިސް މާސެލޯ ފުރަތަމަ އެގާރައިގައި ހިމެނިފައިވުމެވެ. އެހެންނަމަވެސް މިމުބާރާތުގައި އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުންއަންނަ ކަސެމީރޯ އަށް ދެ ރީނދޫކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭއިރު އޭނާގެ ބަދަލުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ފެނާންޑީނިއޯއެވެ.

ބެލްޖިއަމް ވަނީ އެޓީމު އެންމެފަހުން ކުޅުނު މެޗުގެ ދެވަނަހާފުގައި ކުޅެން ނިކުމެ ލަނޑު ޖަހައިދިން ދެކުޅުންތެރިންކަމުގައިވާ މަރުއާން ފެލައިނީ އާއި ނާސިރް ޗެޑްލީ މިމެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ކަޒާން އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަހަމަލާތަކެއް ބެލްޖިއަމް ގެ ގޯލަށް ފޮނުވާލައިފައެވެ.

މިމެޗު ފެށިގެން ދެވަނަ މިނެޓުގައި ބެލްޖިއަމް ގެ ކެވިން ޑިބްރައިނާ ވަނީ ބްރެޒިލް ގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ހަމިނެޓުފަހުން ބްރެޒިލް ގެ ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ އެޓީމަށް ލީޑް ނަގައިދިނުމާއި ގާތަށް ޖެހިލާފައެވެ. ބްރެޒިލް ގެ ކުޅުންތެރިއަކު ނެގި ކޯނަރަކުން ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ އަރިމަތީދަނޑީގައެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ބްރެޒިލް ގެ ޕައުލީނިއޯ އަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލުމުގެ ކުރީން ބެލްޖިއަމް ގެ ޑިފެންޑަރުން ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ބެލްޖިއަމް އިން ލީޑް ނެގީ ބްރެޒިލް ގެ ފެނާންޑީނިއޯ އަތުން ބައިކޮޅަށްވަން ގޯލެއްގެ އެހީގައެވެ.

އޭގެ ހަމިނެޓު ފަހުން ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ އަށް ވަނީ ބްރެޒިލަށް އެއްވަރުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ބެލްޖިއަމް ގެ ޕެނަލްޓީ އޭރިޔާބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ވަނީ ބެލްޖިއަމް ގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ދިފާއުކޮށްފައެވެ. އޭގެފަހުން ބްރެޒިލް ގެ މާސެލޯ އަށް ވެސް ލަނޑު ޖަހާނެ ފުރުޞަތެއް ލިބިފައިވީނަމަވެސް ކާމިޔާބުވާގޮތްވަނީ ނުވެފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ކެވިން ޑިބްރައިނާ ވަނީ ޕެނަލްޓީއޭރިޔާ ރޮނގުމަތިން ފޮނުވާލީ ބާރު ހަމަލާއަކުން ބެލްޖިއަމް ގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑަށްފަހު ބްރެޒިލް ގެ ގެބްރިއަލް ޖީސޫސް އާއި ކުޓީނިއޯ ގެ އިތުރުން މާސެލޯ އަށް ވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން ބެލްޖިއަމް ގެ ލީޑް ފުޅާ ކުރުމަށް ކެވިން ޑިބްރައިނާ އަށް ރަނގަޅު ފުރުޞަތެއް ލިބިފައިވެއެވެ. ޕެނަލްޓީއޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނުމުގެ ކުރީން ބްރެޒިލް ގެ ކީޕަރު އެލިސަން ވަނީ ސަލާމަތްކޮށްފައެވެ. އޭގެފަހުން ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކޮމްޕެނީ އަށް ވަނީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން ބެލްޖިއަމް ކުރީގަ އޮވެގެންނެވެ.

ބްރެޒިލުން ދެވަނަ ހާފު ފެށީ ބަދަލަކާއިއެކުގައެވެ. ބްރެޒިލް ގެ ކޯޗު ވަނީ ވިލިއަން ގެ ބަދަލުގައި ޑަގްލަސް ކޯސްޓާ ކުޅެން ނެރެފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ބްރެޒިލް ގެ ގެބްރިއަލް ޖިސޫސް އަށް ބެލްޖިއަމްގެ ޕެނަލްޓީއޭރިޔާގެތެރޭގައި އެޓީމުގެ ވިންސެންޓް ކޮމްޕެނީ ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ ދިނުމަށްޓަކައި ވީއޭއާރް ގެ އެހީ ހޯދައި ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައިވެއެވެ.

އޭގެފަހުން މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމް ގެ އެޑެން ހަޒާޑަށް ވަނީ އެޓީމުގެ ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާގެ ބޭރުގައި ހުރެ ހަޒާޑު ފޮނުވާލި ބޯޅަ ބްރެޒިލް ގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ސަލާމަތްކޮށްފައެވެ.

އޭގެފަހުން ބްރެޒިލް ގެ ރޮބާޓޯ ފިރްމީނޯ އާއި ޑަގްލަސް ކޯސްޓާ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. އެހެންނަމަވެސް މިހުރިހާ ހަމަލާތަކެއްގެ ހުރަހަކަށްވީ ބެލްޖިއަމް ގެ ކީޕަރު ކޯޓުއާ އެވެ.

މިމެޗުގައި ބްރެޒިލުން ކާމިޔާބުކުރި ފުރަތަމަ ގޯލް ޖަހައިދިނީ 76 ވަނަ މިނެޓުގައި ރެނާޓޯ އަގުސްޓޯ އެވެ. މިއީ ކުޓިނީއޯ ދިން ބޯޅައަކުން އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން ފިރްމީނޯ އާއި އަގުސްޓޯ އަށް ވަނީ ބްރެޒިލް އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ރަނގަޅު ދެފުރުޞަތެއް ލިބި ބޭނުންހިފޭގޮތް ނުވެފައެވެ.

މިމެޗުގެ ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގައި ބްރެޒިލް ގެ ނޭމާ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ބެލްޖިއަމް ގެ ޕެނަލްޓީއޭރިޔާގެ ބޭރުން ނޭމާ ފޮނުވާލި ބޯޅަ ވަނީ ބެލްޖިއަމް ގެ ގޯލްކީޕަރު ކޯޓުއާ ސަލާމަތްކޮށްފައެވެ. މުޅި މެޗުގައިވެސް ބްރެޒިލް ގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު މިހުރިހާ ބޯޅައެއް ބެލްޖިއަމް ގެ ކީޕަރު ކޯޓުއާ ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މިމެޗުން ބަލިވި ބްރެޒިލް ވަނީ އެޓިމު އެންމެ ފަހުން ކުޅުނު ތިން ވޯލްޑްކަޕް ގެ ވެސް ނޮކްއައުޓް ބުރުގައި ޔޫރަޕް ގެ ޓީމުތައް އަތުން ކަޓައިގެން ގޮސްފައެވެ. 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ގައި ފްރާންސް އަތުން ބަލިވިއިރު އޭގެ ހަތަރު އަހަރު ފަހުން ނެދަލޭންޑްސް އަތުން ބަލިވެފައިވެއެވެ. އޭގެފަހުން ނިމިދިޔަ ވޯލްޑްކަޕްގައި ޖާމަނީ އަތުން ހިތްދަތި ގޮތަކަށް ބަލިވެ ކެޓިއިރު މިފަހަރުވެސް އެޓީމު މިމުބާރާތުގެ ކުއާޓާފައިނަލާއި ހަމައިން ވަކިވާން ޖެހިފައިމިވަނީ ޔޫރަޕް ގެ ޓީމެއް ކަމަށްވާ ބެލްޖިއަމް ގެ އަތްދަށުވެގެންނެވެ.

ބްރެޒިލް ބަލިކުރި ބެލްޖިއަމް ސެމީ ފައިނަލްގައި މިމަހުގެ 10 ވަނަ ދުވަހުގެރޭ ނިކުންނާނީ ފްރާންސް އާ ދެކޮޅަށެވެ.