Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ނެރޭނީ ކޯލިޝަނަށް އެއްބަސްވެވޭ ރަނިން މޭޓެއް"

އިދިކޮޅު ކޯލީޝަންގެ ރަނިންމޭޓު ކަނޑައެޅުން ޖުމްހުރީ ޕާޓީއަށް ދިން ނަމަވެސް ނެރޭނީ ކޯލިޝަން އެއްބަސްވާ ރަނިންމޭޓެއް ކަމަށް ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ ކޮމެޓީގެ މެމްބަރުންނާއި އެކު ބޭއްވި ނޫސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީއަށް ދިން ފުރުސަތުގައި އޭނާ ހޮވާފައިވާ އިރު އެއީ ކޯލިޝަންގެ މެމްބަރުންގެ ތާއިދާއި އެކު ނިންމި ނިންމުމެއް ކަމަށެވެ. އަދި ރަނިން މޭޓުވެސް ނިމިގެންދާނީ އެ އުސޫލުން ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޖޭޕީން އަދި މިހާތަނަށް ވަކި ބޭފުޅެއްގެ ނަން ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް ޖޭޕީން ހުށަހަޅާނީ ހުރިހާ ޕާޓީތަކުން ގަބޫލު ކުރާނެ ނަމެއްކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ބައެއް ކަންކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ދެކޮޅުކަން ހާމަ ކުރައްވާފައިވާތީ ޕާޓީތަކުން އެއްބަސްވާ ގޮތަށް މެނިފެސްޓޯ ބަދަލު ކުރައްވާނެކަމަށެވެ.

އަދާލަތު ޕާޓީން ވެސް ވަނީ އެޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެހެންވެ ކޯލީޝަނުން ނެރޭނީ ހުރިހާ ޕާޓީތައް އެއްބަސްވާ މެނިފެސްޓޯއެއްކަމަށްވެސް އިބޫ ވިދާޅުވިއެވެ.'