ދިވެހި ރާއްޖޭގެ ނައިބު ރައީސާގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރަން ތާއީދު ނުކުރާ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ޖޭޕީއާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާ އަދާލަތުން ބުނެފައިވަނީ ކޯލިޝަން ރަނިންމޭޓަކަށް އަންހެން ކަނބަލަކު ގެންނަ ކަމަށްވާނަމަ އެ ނިންމުން ގަބޫލުކުރަން އެޕާޓީއަށް ދަތި ކަމަށެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް، ޝެއިޚް އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ ރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށެވެ.
އަދާލަތުން މިގޮތަށް ހާމަކޮށްފައިވަނީ ޖުމުހޫރީ ޕާޓީގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން އާއިޝަތު ނަހުލާ(އައިޝާ) އިއްތިހާދުގެ ރަނިންމޭޓަކަށް ގެނައުމަށް އެޕާޓީގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޖޭޕީއާ ދާދި ފަހުން ގުޅުނު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އައިޝާ ރަނިންމޭޓަކަށް ގެނައުމަށް ތާއީދު ކުރާ ކަމަށް ވިދާޅުވުމާއެކު އެޕާޓީގެ ތެރޭގައި ވެސް އައިޝާއަށް ތާއީދު ކުރާ މީހުން އިތުރުވިއެވެ.
އިއްތިހާދުގައި ހިމެނޭ އަދާލަތުން އައިޝާއަށް ތާޢީދު ނުކުރާކަން ހާމަކޮށްފައިވި ނަމަވެސް އަންހެނަކު ރަނިންމޭޓަކަށް ގެނެސްފިނަމަ އެއްބަސްވުން އުވާލާނެ ކަމަށް ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުންވެސް އިއްތިހާދުގެ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އެގޮތުން އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގެ މުހިންމު ބައެއް ސިޔާސަތުތަކަށް ޖޭޕީން ތާއީދު ނުކުރާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި ކޮންމެވެސް ވަރަށް ދެޕާޓީގެ އާންމު މެމްބަރުންގެ މެދުގައިވެސް ދެބަސްވުމާއި ޚިޔާލު ތަފާތުވުންތައް އެބަހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.