ސަތާރަ އަހަރުގެ ދިގު މުއްދަތެއް އިޓަލީގެ ޔުވެންޓަސްގައި ހޭދަކުރުމަށް ފަހު ތަޖުރިބާކާރު ގޯލު ކީޕަރު، ގިއަންލުއީގީ ބުފޯން ފްރާންސުގެ ޕެރިސް ސެއިންޓް ޖާމަން(ޕީއެސްޖީ) އަށް ބަދަލުވެއްޖެއެވެ.
ނުވަ ފަހަރު އިޓާލިއަން ސެރީއާ ކާމިޔާބު ކޮށްފައިވާ އުމުރުން 40 އަހަރުގެ ގޯލު ކީޕަރު ޕެރިހަށް ބަދަލުވެފައިވަނީ އަގަކާ ނުލައި، ފްރީ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
ބުފޯން ބުނެފައިވަނީ ކުލަބުގެ ސަޕޯޓަރުންގެ ހުވަފެންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އޭނާގެ މައިގަނޑު ލަނޑުދަނޑިއަކީ ލިބިފައިވާ ތަޖުރިބާގެ އެހީގައި އެ ހުވަފެންތައް ހަގީގަތަކަށް ހެދުން ކަމަށެވެ.
އަދި ފުރަތަމަ ފަހަރަށް އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމަކަށް ދިއުމަކީ އޭނާއަށް ނިންމަން ފަސޭހަ ނިންމުމަކަށް ނުވިޔަސް، އެއީ މިވަގުތު އޭނާއަށް ކުރަން ޖެހިފައި އޮތް މުހިންމު ކަމެއް ކަމުގައި ދެކޭތީ ޕެރިހަށް ބަދަލުވީ ކަމަށް ވެސް އިޓަލީގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބުފޯން ބުނެފައިވެއެވެ.
ބުފޯންގެ ކެރިއަރުގައި އޭނާއަށް ނުލިބުނު ޝަރަފަކީ ޔޫރަޕުގެ ޗެމްޕިއަންކަން ނުލިބުމުވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފާއިތުވެދިޔަ ހަތަރު އަހަރުގައި ދެފަހަރު ކުޅެ، ދެފަހަރުވެސް ޔުވެންޓަސްއަށް ތަށި ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ.