Last Updated: May 3, 11:12
Friday, May 3, 2024
މުނިފޫހިފިލުވުން

"ފެނީ ހާން" ވަރަށް ހާއްސަ ވާނެ

އަންނަ މަހަކީ ވަރަށް ވެސް ހާއްސަ ފިލްމެއް ސިނަމާ އަށް އަންނަ މަހެކެވެ. އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރް އަދި ރާޖްކުމާރް ރާއޯ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމް "ފެނީ ހާން" އަންނަ މަހުގެ 3 ގައި ސިނަމާތަކަށް އަންނާނެ އެވެ.

މި ފިލްމް ހާއްސަވާ އެއް ސަބަބަކީ މިއީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، އައިޝްވާރިޔާ ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށްވުމެވެ. އަނެއްކޮޅުން އޭނާގެ ވަރަށް ވެސް ޗާލު ރޯލެއް "ފެނީ ހާން" އިން ފެނިގެން ދާނެ އެވެ.

އެކަން އަމިއްލަ ތަޖުރިބާކޮށްލެވޭނީ ޓްރެެއިލާ ބަލާލައިގެންނެވެ. ޓްރެއިލާ ވެސް މިއޮތީ އެވެ. "ފެނީ ހާން" ގައި އައިޝްވާރިޔާގެ ވަރަށް ހާއްސަ ލަވައެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން މި ފިލްމަކީ 18 އަހަރު ފަހުން އަނިލް އާއި އައިޝްވާރިޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ވެސް މެ އެވެ. ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނީ 2000 ވަނަ އަހަރު ރިލީޒް ކުރި "ހަމާރާ ދިލް އާޕްކޭ ޕާސް ހޭ" އެވެ.

"ފެނީ ހާން" ހުވަފެންތަކެއް ހަގީގަތަކަށް ހަދަން މަސައްކަތް ކުރާ ބައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަތުލް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމް ބިނާކޮށްފައި ވަނީ 2000 ވަނަ އަހަރު ރިލީޒް ކުރި ބެލްޖިއަމްގެ ފިލްމް "އެވްރިބަޑީ އިޒް ފޭމަސް" އަށެވެ.