ރައީސުލްޖުމްހޫރިއްޔާގެ އޮފީސްގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ބައްޕާފުޅު ކަމަށްވާ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަބްދުއްޝަކޫރު އަލީ (އާސްތާނާ ޝަކޫރު) އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 79 އެވެ. އޭނާގެ އަންހެން ހަތަރެއް އަދި ފިރިހެން ހަތަރު ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
ޝަކޫރަކީ 1970 އަދި 1980ގެ އަހަރުތަކުގެ ތެރޭގައި ލިއުންތެރިއެއްގެ ގޮތުން މަޝްހޫރުވި ބޭފުޅެކެވެ.
ލިއުންތެރިކަމާއި ސަރުކާރުގެ ޚިދުމަތުގެ އިތުރުން ޝަކޫރަކީ ޗާޕްހާނާ ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން މަޝްހޫރު "އުއްމީދީ" ޗާޕު ޚާނާއަކީ އޭނާގެ އަމިއްލަފުޅު ޗާޕް ބަ އެވެ.
ލިއުންތެރިކަމުގެ ގޮތުން 1985 ވަނަ އަހަރު އާއްމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަކޫރު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދެވީ އޮޑިޓު އޮފީހާއި ރައީސް އޮފީހުގައެވެ.
އާޒިމާގެ އިތުރުން ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާތިފް ޝަކުރާއި ކުރިން ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އާތިފާ ޝަކޫރަކީ ވެސް އޭނާގެ ބޭފުޅުންނެވެ.
އަބުދުއްޝަކޫރުގެ ކަށުނަމާދު ކުރުމާއި ފަސްދާނުލުން އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. އަދި މޫނުދެއްކުން ކުރިއަށް ދާނީ މިއަދު މެންދުރު 1:00 އިން ފެށިގެން އާސަހަރާ މިސްކިތުގަ އެވެ.