ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި އެއާ އޭޝިއާގެ މަތިންދާ ބޯޓަކާއި ގަތަރު އެއާވޭސްގެ ބޯޓެއް އެކްސިޑެންޓްވެއްޖެ އެވެ.
އެއާ އޭޝިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ގަތަރު އެއާވޭސްގެ ބޯޓެއްގައި ޖެހުނު ހާދިސާ ކަމާބެހޭ ފަރާތްތަކުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 9:33 ހާއިރު އެވެ.
އެ ހާދިސާ ހިނގީ އެއާ އޭޝިއާގެ ބޯޓު ޖެއްސުމަށް ފަހު، މީހުން ބޭލުމަށް އޭޕްރަންއާ ކައިރި ކުރަނިކޮށެވެ. އޭރު ގަތަރު އެއާވޭސްގެ މަތިންދާ ބޯޓު އޮތީ ޕާކުކޮށްފަ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި އެކްސިޑެންޓުގައި އެއްވެސް ބޯޓަކަށް ބޮޑު ގެއްލުމެއް ވެފައި ނުވެއެވެ. އެ އިދާރާގެ ޓީމެއް އެއާޕޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކްސިޑެންޓުވި ދެ ބޯޓު ވެސް ދޫކޮށްލާނީ އިންސްޕެކްޝަނަށް ފަހުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.