ޓަގު ބޯޓަކާއި ބާޖެއް ނ. ކުޑަފަރީ ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ނ. ކުޑަފަރީ ފަރަށް "ރާދަފަތި" ނަމަކަށް ކިޔާ ޓަގަކާއި "ސިންގާސަނާ" ކިޔާ ބާޖެއް އަރާފައިވާކަމުގެ މައުލޫމާތެއް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:53 ހާއިރު ކަމަށެވެ.
ހިލަވެލި ހިފައިގެން ދަތުރުކުރި މި ދެ އުޅަނދުގައި އެވަގުތު ނުވަ މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި އެއް ބިދޭސީއަކު ކަމަށްވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
މި ދެ އުޅަނދުވެސް ފުންކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ކަނޑު ގަދަ ދުވަސްވަރެއްކަމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް މިދުވަސްވަރު ދަނީ ދިމާވަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިޓް އެލާޓާއި ޔެލޯ އެލާޓް ނެރެފަ އެވެ.