އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ އިން ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ހާސިލްކުރުމަށް ރާއްޖެ އަށް ދިން 26 ސްކޮލަރޝިޕް ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ރާއްޖެއަށް ދީފައި ވަނީ ޖުމްލަ 16 ބެޗްލަރސް ޑިގްރީ އާއި 10 މާސްޓަރސް ޑިގްރީގެ ފުރުސަތު ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗްލަރސް ޑިގްރީ އަށް ކޯސް ފީ މުޅިން ހިލޭ ދޭއިރު، ދެންހުރި ސްކޮލަރޝިޕްތަކަށް ހިލޭ ދޫކުރަނީ ކޯސް ފީގެ 50% އެވެ.
ބެޗްލަރސް ޑިގްރީ ގެ ޝަރުތު:
1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ).
2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލު ކުރައްވާފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ). އަދި 03 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ.
3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން.
އިނގިރޭސި ފާހެއްކަމުގައި ބަލާނީ :
ހ. CPE/CAE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް
ށ. IELTS އިން އޯވަރރޯލް ސްކޯރ 5.0 އިން ފެށިގެން މަތި
ނ. TOEFL 005 އިން ފެށިގެން މަތި.
ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.
މާސްޓަރސް ޑިގްރީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެދިވަޑައިގަންނަވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައި އޮތުން ހިމެނެ އެވެ.
ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 13:30ގެ ކުރިން އެޕްލިކޭޝަން ފޯމާ އެކު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.