ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅަކަށް ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.
ޕީޕީއެމުން މިރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީން، އެމަނިކުފާނުގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވާފައިވާކަން އިއުލާން ކޮށްފައިވާއިރު ޝަހީމް ވަނީ ކުރީގެ ރައީސް، ޑރ. ވަހީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ޑރ. ޝަހީމަކީ ފިގްހު އިލްމުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤުރުއާން ހިތުދަސް ކުރައްވައި ޝަރީއާއިން ޑިގްރީ އަދި މާސްޓާސް ވެސް ޑރ. ޝަހީމް ވަނީ ހާސިލުކުރައްވާފައެވެ.