Last Updated: May 15, 09:10
Wednesday, May 15, 2024
ކުޅިވަރު

ރަޝިޔާ ބަލިކޮށް ސެމީގެ ފަހު ޖާގަ ކްރޮއޭޝިއާ އަށް

ޕެނަލްޓީ ޖަހައިގެން ރަޝިޔާ ބަލިކުރުމަށްފަހު ކްރޮއޭޝިއާ ގެ ކުޅުނުްތެރިން އުފާ ފާޅުކުރަނީ --ފޮޓޯ: ފީފާ

ސޯޗީ، ރަޝިޔާ: ވޯލްޑްކަޕް 2018 ގެ ކުއާޓާ ފައިނަލް ގެ ހަތަރުވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ރަޝިޔާ ބަލިކޮށް ކްރޮއޭޝިއާ އިން ސެމީ ގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ މޮޅުވީ 4-3 އިން ނެވެ.

މިމެޗުގައި ވާދަކުރި ރަޝިޔާ އާއި ކްރޮއޭޝިއާ މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު 2008 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގ ގައި މިދެޓީމު ކުޅުނު ދެމެޗުވެސް އެއްވަރުވެފައިވާއިރު 2015 ވަނަ އަހަރުގެ ނޮވެންބަރު މަހު ރޮސްޓޯވް ގައި ކުޅުނު އެކުވެރިކަމުގެ މެޗު 1-3 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އެވެ.

ކްރޮއޭޝިއާ މީގެކުރީން ވޯލްޑްކަޕްގެ ކުއާޓާފައިނަލްގައި ކުޅުނީ 1998 ވަނަ އަހަރުގައެވެ. އެފަހަރު ކުއާޓާ ފައިނަލްގައި ޖާމަނީ ބަލިކުރުމަށްފަހު ސެމީގައި ބަލިވީ އެމުބާރާތް ބޭއްވި ޤައުމުކަމަށްވާ ފްރާންސް އަތުންނެވެ.

ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާގެ އެންޓޭ ރެބިޗް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ރަޝިޔާގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެފަހުން އެޓީމުގެ މާރިއޯ މަންޒުކިޗް އަށް ލިބުނު ބޯޅަ ފޮނުވާލުމުގެ ކުރީން ރަޝިޔާގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފައެވެ.

ކްރޮއޭޝިއާ ގެ އިވާން ޕެރިސިޗް އަށް ވަނީ މެޗުގެ 28 ވަނަ މިނެޓުގައި ލަނޑުޖަހާނެ ފުރުޞަތެއް ލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެޓީމުގެ ޑިފެންޑަރު ސިމޭ ވްރިޝާލްކޯ ނަގައިދިން ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

އޭގެ ތިން މިނެޓުފަހުން ރަޝިއާ އަށް ލީޑް ނަގައިދިނީ ޑެނިސް ޗެރިޝޭފް އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުގައި ހުރެ ގޯލްގެ ވާތްފަރާތުގެ މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ. މީގެކުރިން އެއް ވޯލްޑްކަޕެއްގައި ރަޝިޔާއަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތުގައި ހަ ލަނޑު ކާމިޔާބުކުރި އޮލެގް ސަލެންކޯ އެވެ.

ފުރަތަމަ ހާފު ނިމެން ހަމިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ މަންޒުކިޗް ދިން ބޯޅައަކުން އަންދްރޭ ކްރެމަރިޗް އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ.

ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް (ކ) އަތުން ބޯޅަ ހޯދުމަށް ރަޝިޔާގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ –ފޮޓޯ: ފީފާ

މިމެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް ދެޓީމަށްވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއްނުވެއެވެ. އެހެންނަމަވެސް މިހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ކްރޮއޭޝިއާ އަށެވެ. މެޗުގެ 59 ވަނަ މިނެޓުގައި ރަޝިޔާގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އިވާން ޕެރިސިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އެތެރޭ ދަނޑީގައި ޖެހިފައި ބޭރަށެވެ.

މިހާފުގައި ރަޝިޔާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އާޓެމް ޒޫބާ އަށެވެ. އެެޓީމުގެ ކުޅުންތެރިއަކު ނެގި ކޯނަރަކުން އާޓެމް ޒޫބާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑެނިއެލް ސުބަސިޗް މަތަކޮށްފައެވެ.

އޭގެފަހުން ރަޝިޔާގެ ފުލްބެކް ފެނާންޑޭޒް ނަގައިދިން ހުރަހަކުން އަލެކްސެންޑަރ އިރޮކިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުުމުން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކްރޮއޭޝިއާ ގެ ކެޕްޓަން ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ވީޑާ ވަނީ އެޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ.

މިމެޗުގެ އިތުރުވަގުތުގެ ފަހު ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ރަޝިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މާރިއޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ އެލަން ޒަގޮއޭވް ހިލޭޖެހުމަކުން ފޮނުވާލީ ބޯޅައެއް ފެނާންޑޭޒް ބޮލުން ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ރަޝިޔާގެ ދެވަނަ ލަނޑަށްފަހު ރޯމަން ޒޮބްނިން އަށް ވަނީ އެޓީމު މޮޅުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ކްރޮއޭޝިއާގެ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ވަނީ ކީޕަރު ސުބަސިޗް މަތަކޮށްފައެވެ.

މިމެޗުގެ ފުރިހަމަވަގުތު ހަމަވެ ކުޅުނު އިތުރުވަގުތުގެ ދެ ހާފު ކުޅެ ނިމުނުއިރުވެސް ދެޓީމު 2-2 އިން އެއްވަރުވުމުން ދެން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ ގެ ފަރާތުން ފޮނުވާލީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ މާސެލޯ ބްރޮޒޮވިޗް، ލޫކާ މޮޑްރިޗް އަދި ޑޮމަގޮޖް ވީޑާ ގެ އިތުރުން އިވާން ރަކިޓިޗް އެވެ. އެޓީމުގެ މަޓެއޯ ކޮވެޗިޗް ފޮނުވާލި ޕެނަލްޓީ ރަޝިޔާގެ ކީޕަރު އީގޯ އަކިންފީވް ވަނީ މަތަކޮށްފައެވެ.

ރަޝިޔާއިން ކާމިޔާބުކުރި ތިން ޕެނަލްޓީ ފޮނުވާލާފައިވަނީ ޒަގޮއޭވް އަދި ސަރްގެއި އިގްނާޝެވިޗް ގެ އިތުރުން ޑޭލާ ކުޒިއާއޭވް އެވެ. އެޓީމުގެ ފެޑަ ސްމޮލޯވް ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް މަތަކުރިއިރު ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މިމެޗުން މޮޅުވި ކްރޮއޭޝިއާ އަކީ ވޯލްޑްކަޕްގެ ތާރީޚުގައި އެއްމުބާރާތެއްގައި ދެމެޗުގައި ޕެނަލްޓީ ޖަހައިގެން މޮޅުވި ދެވަނަ ޓީމެވެ. މީގެކުރީން 1990 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާ ވަނީ ދެމެޗެއްގައި ޕެނަލްޓީ ޝޫޓްއައުޓްގައި މޮޅުވެފައެވެ.