Last Updated: April 25, 18:52
Thursday, April 25, 2024
ރިޕޯޓް

އައްޑޫ އިސްލާމީ މަރުކަޒާއި ވަގުފު ބިނާ ކޮބާ؟

އޯގަސްޓް، 31، 2014 ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސަޢީދު އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ "އައްޑޫ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އިސްލާމިކް ކޮންވެންޝަން ސެންޓަރެއް އެޅުމަށް ނިންމާފައިވާ" ކަމަށެވެ.

އެވާހަކަތައް އިތުރަށް ތަފްސީލްކޮށް ދެއްވަމުން ޑރ.ޝަހީމް ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީ، ހިތަދޫ އަވަށުގައި ވީހާވެސް ގިނަ މީހުންނަށް ނަމާދު ކުރެވޭނެ މިޒަމާނުގެ މިސްކިތެއް ބިނާކުރުމަށް ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅިކަމަށެވެ. އެހެން ނަމަވެސް ކައުންސިލާއި އައްޑޫގެ ގިނަ ރައްޔިތުންގެ ވިސްނުން ހުރީ މިސްކިތެއްގެ ބަދަލުގައި އައްޑޫގައި ދީނީ ކަންކަން ކުރެވޭނެ އަދި ގުރުއާން ކުލާސްތައްވެސް ހިންގޭ ފަދަ އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ކަމަށެވެ.

"އައްޑޫ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް އިސްލާމިކް ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވަނީ ނިންމާފައި. އެކަމަށް ބޭނުންވާ ބަޖެޓް މިހާރު ވަނީ ހަމަޖެހިފައި އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނެ" 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޝަހީމް އެހެން ވިދާޅުވި ނަމަވެސް 2014 ވަނަ އަހަރު ނިމިގެން ދިޔައީ ވެސް އެ މަސައްކަތް ނުފެށިއެވެ. އަދި މިއަދާއި ހަމައަށް ވެސް "އިސްލާމިކް ކޮންވެންޝަން ސެންޓަރު" ޤާއިމްކުރުމުގެ އެއްވެސް މަސައްކަތެއް އައްޑޫގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެއެވެ.

ޑރ.ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން "އައްޑޫގައި އިސްލާމިކް ކޮންވެންޝަން ސެންޓަރު އަޅުއްވަން ބަޖެޓް ހަމަޖެހިފައިވާ" ކަމަށް ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ އަހަރުތަކެއް ފަހުން ހަމަ އެ ސަރުކާރު ދެމެހެއްޓުމަށް ރަނިންމޭޓެއްގެ ގޮތުގައި ޑރ.ޝަހީމް ނިކުންނަވާ ކެމްޕެއިން ކުރައްވާއިރު އައްޑޫ އިސްލާމިކް ކޮންވެންޝަން ސެންޓަރަށް ވީ ގޮތެއް ރައްޔިތުންނަށް އޮޅުން ފިލުއްވައި ދޭނެ ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެން ހިނގައިދާނެ ހެއްޔެވެ؟
.