Last Updated: June 13, 02:24
Friday, June 12, 2026
ދުނިޔެ

ހޮހަޅައިގައި ތާށިވި ކުދިން ނެރެން ބޮޑު އޮޕަރޭޝަން

ތައިލެންޑުގެ ހޮހަޅަގައި ތާށިވެފައިވާ 12 ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތް ކުރުމުގެ ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަން ތައި ނޭވީން ފަށައިފި އެވެ.

މި އޮޕަރޭޝަންގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ބޭރުގެ 13 ތަޖްރިބާ ކާރުންނާއި ތައި ނޭވީގެ 5 ޑައިވަރުން ހަރަކާތްތެރިވާނެކަމަށެވެ. މިއޮޕަރޭޝަން ފެށުމަށް އެސަރަހައްދުން މީހުން ދުރަށް ފޮނުވާފައިވާ އިރު އެކުދިން ސަލާމަތް ކުރަނީ ކޮން ގޮތަކުންކަމެއް ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކުދިން ސަލާމަތް ކުރާނެ ގޮތުގެ ތަފްސީލް އެކުދިންގެ މައިބަފައިންނަށް ވަނީ ފޯރުކޮށްދީފައެވެ.

ތައި ނޭވީން ބުނީ ހޮހަޅައިން ފުރަތަމަ ކުއްޖާ ނެރެވޭ ވަރުވާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު ކަމަށެވެ.

ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މިމަހުގެ 6 ވަނަ ދުވަހު އެގައުމުގެ ކުރީގެ ނޭވީއަކުވެސް ވަނީ މަރުވެފައެވެ. އެހެންވެ މި އޮޕަރޭޝަނަކީ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށް ތަޖްރިބާ ކާރުން ބުނެއެވެ. ހޮހަޅައިގެ ތެރޭގައި ކިސަޑު ފެންގަޑު ހެދިފައިވާ އިރު ކިސަޑު ތެރެއިން ޑައިވް ކުރުމަކީ ނުރައްކާތެރި ކަމެކެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހަޅައިގެ ތެރެއަށް ގެއްލުނު 12 ކުދިންނާއި ކޯޗު ދިރި ތިއްބާ ފެނުނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އިނގިރޭސި ދެ ޑައިވަރުންނަށެވެ. އެކުދިން އެމީހުންނަށް ފެނުނީ ހޮހަޅައިގެ ތެރޭގައިވާ އުސްތަނެއްގެ މަތީގައި ތިއްބާއެވެ. އެކުދިން ދިރިތިއްބާ ފެނުމާއި އެކު ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައި އެކުދިންނަށް ކާނާ އާއި ބޭސް ފަރުވާ ދަނީ ފޯރުކޮށް ދެމުންނެވެ.

ތައި ނޭވީން ބުނީ ކުރިއަށް އޮތް 4 ދުވަހުގެ ތެރޭގައި ކުދިން ސަލާމަތް ނުކުރެވިއްޖެ އެކުދިން ސަލާމަތް ކުރުމަށް އިތުރު ގޮން ޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެއީ މި ދުވަސްކޮޅަކީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭ ދުވަސް ކޮޅަކަށްވުން ކަމަށް ނޭވީން ވަނީ ބުނެފައެވެ.