"ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ" މި ނަމުގައި މިއަދު ހަވީރު އެމްޑީޕީން ހިނގާލުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އުސްފަސްގަނޑު ސަރަޙައްދުން ހަވީރު 4:00 ޖަހާ އިރު ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ޝުޢޫރު ފާޅުކުރުމާއި އެކި ބޭފުޅުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރެވޭ މަސައްކަތް ތެރިންގެ ދުވަސް ނުވަތަ މޭޑޭ އަކީ ކޮންމެ އަހަރަކު މޭ މަހުގެ އެއްވަނަ ދުވަހު ދުނިޔޭގެ ޤައުމު ތަކުގައި ފާހަގަ ކުރާ ދުވަހެކެވެ.
ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީ ސަރުކާރުގެ ދައުރުގަ އެވެ.
މަސައްކަތްތެރިންގެ ބައިނަލް އަޤްވާމީ ދުވަހާއި ގުޅުވައިގެން ދިވެހި މަސައްކަތްތެރިންނާއި ގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން 4 މޭ 2013 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އޮންނާނެ އެވެ.
ދިވެހި މަސައްކަތްތެރިންނާ ގުޅޭ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި މުޅި ރާއްޖެ އަށް އިފްތިތާޙްކޮށް ދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ