Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިބޫ އަށް ރައްޔިތުންގެ ތާއީދު އެބައޮތް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރައްޔިތުންގެ ތާއީދު އޮތްކަމީ އިންކާރު ނުކުރެވޭނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫގެ ދޮރުން ދޮރަށް ކެމްޕޭންގެ ފޮޓޯތަކާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު އޮތުމަކީ ދެކޮޅު ނުވެވޭނެ ހަގީގަތެއް ކަމަށެވެ.

އެހެންވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫއާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އިބޫ ރަނގަޅު މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ކުރިން ވެސް ވިދާޅުވި އެވެ.

އެމްޑީޕީން އިއްޔެ އިން ފެށިގެން ވަނީ ދޮރުން ދޮރަށް ކެމްޕޭން ފަށައިފަ އެވެ. އެކަމަކު އިބޫއާ އެކު ރަނިން މޭޓެއްގެ ގޮތުގައި ނުކުންނާ މީހަކު އަދި ކަށަވަރެއް ނުވެ އެވެ. ރަނިން މޭޓަކީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.