Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އަލީ ޒާހިދާއި ސަމީރު، ޝަހީމަށް ތާއީދުކޮށްފި

އައްޝައިހް އަހުމަދު ސަމީރު، ފޮޓޯ: ސަން

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން ރާއްޖޭގެ މަޝްހޫރު ދެ ދީނީ އިލްމުވެރިން ކަމަށްވާ ޝެއިޚް އަހުމަދު ސަމީރާއި ޝެއިޚް އަލީ ޒާހިދު ބިން ސައީދު ރައީސް ޔާމީނާއި ޑރ. ޝަހީމަށް ތާއީދުކޮށްފިއެވެ.

ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމަށް ރަނިންމޭޓުކަން ހުށައެޅުމުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި ރަނިންމޭޓުކަން ގަބޫލު ކުރުމަށް ލަފާ އެރުވި ކަމަށެވެ. އަދި ޝެއިޚް އަލީ ޒާހިރު ވެސް ވަނީ ޑރ. ޝަހީމަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ މަރުހަބާ ދަންނަވާފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ ޝެއިޚް ޝަހީމްގެ ފަހަތްޕުޅަށް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން ވަޑައިގަތުމަށް ގޮވާލާފައެވެ. ނަމަވެސް ދީނީ އިލްމުވެރިން ގިނަ އަދާލަތު ޕާޓީން ވަނީ މާ ކުރިން، ރައީސް ޔާމީންގެ ސަރުކާރަށް ކުރި ތާއީދު އަނބުރާ ނަގައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައެވެ. އަދާލަތުން ވަނީ ކުރިއަށް އޮތް ރިޔާސީީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާއެކު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ހަދާފައިވާ ކޯލިޝަނުގައި ބައިވެރިވެފައެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނު ފުރުއްވަމުން އައި އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.