ރައީސް ޔާމީންގެ ރަނިން މޭޓް ކަމަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒުކޮށް، އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލުމްވެރިންކަމުގައި ޝެއިޚް އިލްޔާސް ހުސައިން އާއި ޑރ.މުހައްމަދު އިޔާޒު އަބްދުﷲ ލަތީފްގެ ބަހުގެ ހަމަލާތަކެއް ފޮނުވައިފިއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ރައީސް ޔާމީނުގެ ރަނިންމޭޓަކަށް ހަމަޖެއްސެވިތާ މާގިނަ އިރުތަކެއް ނުވަނީސް މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންނާއި ދީން ދެކެ ލޯބިކުރާ މީހުން އަބަދުވެސް "ޒާތީ މަންފާ" އަށް ވުރެ ބޮޑަށް ދީނާއި ޚިލާފަށް ކުރެވޭ ކަންކަމާއި އަނިޔާވެރިކަމާއި ނާއިންސާފާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅުވެރި ވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ.
Dheenee ilmuverinnai dheen dheke loabikurameehun abadhuves zathee manfayahvure bodah dheenakhilafahkurevey kankamai aniyaverikamai naainsafai khiyanathai corruptionai fasadhai dhekolhuverivanekamee shakkehurikamehnooneve.
— Ilyas Hussain (@shkilyas) July 7, 2018
މި ޓްވީޓަށް ތާއީދު ކުރައްވާ ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަބަދުވެސް އަމިއްލަ މަންފާއަށްވުރެ އިސްކުރަން ވާނީ ޖަމާއަތުގެ މަންފާކަމަށާއި އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށެވެ.
ދެ ޢިލްމުވެރިން ކުރެއްވި ދެ ޓްވީޓްގައި ވެސް އެއްވެސް ބޭފުޅެއްގެ ނަން ހިމަނުއްވަވާފައި ނުވެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިިބޫ ހޮވުމާއި ގުޅިގެން ޑރ. އިޔާޒު އެބޭފުޅާއަށް މަރުަހަބާ ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ވަގުތެއްގައި ޑރ. ޝަހީމް މަގާމުން އިސްތިއުފާ ދެއްވާ ޕީޕީއެމާއި ގުޅިވަޑައިގަންނަވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީގައި އުޅުއްވުމަށްފަހު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އެބޭފުޅާ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވިކަން އިއުލާނު ކުރީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.