Last Updated: April 20, 10:15
Saturday, April 20, 2024
ޚަބަރު

ސްޓެލްކޯ ރަނގަޅު ކުރަން ޕާކިސްތާނާ އެކު އެއްބަސްވުމެއް

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޕާކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯ އާއެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޕާކިސްތާންގެ 'ވޯޓަރ އެންޑް ޕަވަރ ޑިވެލޮޕްމަންޓް އޮތޯރިޓީ (ވަޕްޑާ) އެވެ. އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެއެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން އަހްމަދު އައިމަންއެވެ. އަދި ވަޕްޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވީ އެކުންފުނީގެ ފިނޭންސް މެމްބަރު މުހައްމަދު އިކްރާމެ ޙާން އެވެ.

ވެވިގެން ދިޔަ މި އެއްބަސްވުމާބެހޭ ގޮތުން ސްޓެލްކޯގެ ފަރާތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ކަމާބެހޭ ގޮތުން ވަޕްޑާއިން ނެރެފައިވާ ބަޔާނުގައި ބުނީ އެ އެއްބަސްވުމާއި އެއްގޮތަށް އެކުންފުނިން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގަރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ދެކުންފުނި ދޭތެރޭ މުވައްޒަފުން ބަދަލު ކުރުމަށާއި ތަފާތު އެކި ކަންކަމުގައި ބައިވެރި ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ޕާކިސްތާނުން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދޭނެކަމަށް އިކްރާމް ޚާން ވަނީ ވިދާޅުވެފައެވެ. އަދި އެއީ ރާއްޖޭއާއި ޕާކިސްތާނުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯގެ ވަފްދެއް ޕާކިސްތާނަަށް 6 ދުވަހުގެ ދަތުރެއް ކުރައްވާފައިވާ ކަމަށާއި ދަތުރަށްފަހު ސްޓެލްކޯގެ ޗެއަރމަން އެބޭފުޅުންގެ ދަތުރާއި ގުޅިގެން ވަޕްޑާއަށް ޝުކުރު އަދާކުރައްވާފައިކަމަށް މޯލްޑިވްސް ޓައިމްސްގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި މިދަތުރުގައި ވަޕްޑާގެ ތަފާތު އިންސްޓިޓިއުޓް ތަކަށް ވަފުދު ޒިޔާރަތް ކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ ތެރޭގައި ހައިޑެލް ޕަވަރ އިންސްޓިޓިއުޓް އިސްލާމްއާބާދުގައި ހުންނަ އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް އަދި ފައިސަލް އާބާދުގައި ހުންނަ އިންޖިނިއަރިންގ އެކެޑެމީ ހިމެނެއެވެ.