Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އެންމެ ދެކުނުގެ ދަފުތަރު ވެސް ހައުސިންގެ ދަށަށް

ފުވައްމުލަކާއި އައްޑޫ ސިޓީގެ ވިހާމަރުވާ މީހުންގެ ރެކޯޑާއި ރަށްވެހިންގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ލާމަރުކަޒީ ޤާނޫނުގައި ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ހައުސިންގެ ދަށަށް ބަދަލުކޮށްފައިވާއިރު، އެ ރަށެއްގައި އުޅޭ ބިދޭސީންގެ ދަފްތަރު ވެސް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އައްޑޫ އާއި ފުވައްމުލަކުގެ އިތުރު މާލޭގެ ވިހާމަރުވާ މީހުންގެ ރެކޯޑާއި ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުން ވެސް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ފުވައްމުލަކުގެ ރަށްވެހިންގެ ރަޖިސްޓްރީއާއި ވިހާ މަރުވާ މީހުންގެ ލިސްޓަކީ ކައުންސިލުން ވަރަށް ބޮޑު ޒިންމާ އެއްގެ ގޮތުގައި ދެކިގެން ވަރަށް ރަނގަޅަށް ކުރަމުން ގެންދިޔަ މަސައްކަތެކެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށްފަހު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ދަށަށް އެ މަސައްކަތްތައް ބަދަލުކުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި ކައުންސިލުން އެމަސައްކަތް ކުރި ފެންވަރަށް ހައުސިން މިނިސްޓްރީ އަށް އެމަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެ ބަދަލު ގެނައީ ކުއްލިއަކަށް އައްޑޫ ސިޓީއާއި ފުވައްމުލަކަކީ އެންމެ އާބާދީ ބޮޑު ދެ އަތޮޅަށް ވެފައި ކޮންމެވެސް ގޮތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއާ ކުޅެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާފާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ އެންމެ ކުރިއްސުރެ ރަށު އޮފީހުން ނުވަތަ ކައުންސިލްތަކުން ކުރަމުން އައި އެ މަސައްކަތް ކުއްލިއަކަށް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ބޭނުން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު،

އާބާދީ އެންމެ ބޮޑެތި ރަށްތަކުގެ ދަފްތަރު ބެލެހެއްޓުން ވަކި މިނިސްޓްރީއަކާ ހަވާލުކުރަނީ ސިޔާސީ ކަމެއްގައި ކަމަށާއި އިޚްލާސްތެރި ކަމެއް އޮތް ނަމަ، މިނިސްޓްރީން ކުއްލިއަކަށް މި ފަދަ ނިންމުމެއް ނުނިންމާނެ ކަމަށްވެސް ޔަސްރިފް ވިދާޅުވި އެވެ.

މާލޭ ސިޓީގެ ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާތީ މާލެ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.