Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޖޭޕީން ނެރޭނެ ރަނިން މޭޓަކީ އައިޝާއެއް ނޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ - ފޮޓޯ: ވީނިއުސް (ޔޫސުފް ސޮފްވާން (ސޮއްޕެ))

އިދިކޮޅު އިއްތިހާދުން ރަނިންމޭޓަކު ނެރުމަށް ޖުމްހުރީ ޕާޓީއަށް ދިން ފުރުސަތުގައި އެޕާޓީން ނެރޭނީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ހައުލާ ނޫން ކަމަށް ގާސިމްގެ ފަރާތުން އިދިކޮޅު ފަރާތްތަކަށް ޔަގީންކަން ލިބިއްޖެއެވެ.

ޖުމްހުރީ ޕާޓީގެ އެތެރޭގައި ރަނިންމޭޓުގެ ފޯރި ގަދަވެފައިވަނިކޮށް ރޭ ގާސިމްގެ ފަރާތުން ވަނީ ގުޅިފައިވާ ޕާޓީތަކަށް ބަލައިނުގަނެވޭނެ ފަދަ ބޭފުޅަކު ނުދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރެއާއި ހަމައަށް ގާސިމްގެ ހަގު އަނބިކަބަލުން އައިޝާ ނެރެދާނެކަމަށް ބަލައި އަދާލަތު ޕާޓީ އާއި ދީނީ ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޖޭޕީގެ ތެރޭގައި އައިޝާގެ އަޑު ގަދަވެގެން ގޮސްފައިވަނީ ދާދި ފަހުން އެޕާޓީ އާއި ގުޅިވަޑައިގަތް އަދި މިހާރު އެޕާޓީގެ ރައީސް އަލީ ވަހީދު އައިޝާއަށް ތާއިދު ކުރައްވައި އެ ނަން އިއްލާން ކުރެއްވުމާއި ގުޅިގެންނެވެ.

ޖޭޕީގެ އިސްވެރިންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން އާއި ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ މައުސޫމް އާއި ޕާޓީގެ އަނެއް ނައިބް ލީޑަރ މުހައްމަދު ފަޔާޒު (އެފްއޭ)ގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމުގެ ނަން ވަނީ ލިސްޓުން ޖާގަ ހޯދާފައެވެ.

ސޯޝަލް މީޑިއާއަށް ބަލާ އިރު ގިނަ ބަޔަކު ބޭނުންވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެކު އަލީ ހުސެއިން ނެރުމަށެވެ. އަލީއަށް އެތައް ބަޔަކު ދަނީ ތާއިދު ކުރަމުންނެވެ.

ޖޭޕީގެ އެތެރެއަށް ބަލާއިރު ބައެއް ފަރާތްތަކުން ބުރަވަނީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ މައުސޫމަށެވެ. މައުސޫމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރައްވައި މަޖްލިސް މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާސިމް އިބްރާހިމް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

ކޮންމެއަކަސް މިއަދުގެ ވަގުތެެއްގައި ޖޭޕީގެ ރަނިންމޭޓުގެ ނަން އެޕާޓީން ރަސްމީކޮށް އިއްލާން ކުރާނެއެވެ. އަދި އޭގެ ކުރިން އިބޫ ވަނީ ޖޭޕީގެ އިސް ފަރާތްތަކާއި އެކު އުއްމީދީ ބައްދަލުވުމެއް ބާއްވާފައެވެ.