ސިޔާސީ ހަޔާތެއް ބިނާ ކުރެވިދާނެ ކަމަށް ހީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްްޔޫމްގެ އަތްޕުޅުގައި ހިފާނީ ބޮޑު މޮޔައެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރުމާއިއެކު އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް ވަނީ ޓްވިޓާގައި ދައުރުވާން ފަށާފައެވެ.
އެގޮތުން އަމީތުވެސް މިފަދައިން ވިދާޅުވެފައި މިވަނީ އެބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެެވެ.
އަމީތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ހަޔާތެއް ބިނާ ކުރެވޭނެ ކަމަށް ހީކޮށް ރައީސް ޔާމީނުގެ އަތުގައި ހިފާނީ މޮޔައެއްކަމަށާއި ކެމްޕެއިން ނިމުމާއެކު ބޭނުންކޮށްލުމަށްފަހު އެއްލާލާނެ ކަމަށެވެ. އެގޮތުން އެމީހެއްގެ މުޅި ދިރިއުޅުން ރައީސް ޔާމީން ދުއްވާލާނެ ކަަމަށް އަމީތު އެޓްވީޓުގައި ވިދާޅުވިއެވެ.
Siyaasee hayaatheh binaa kurevidhaane kamah heekoh, #Yameen ge athuga hifaanee moya'eh.
Campaign nimuneema nimunee, beynun koffa ellaa'laane, emeehegge mulhi life dhuvvaalaane.#GoodLuck #Yameen's running mate.
— Mohamed Ameeth (@MohamedAmeeth) July 8, 2018
ރައީސް ޔާމީނުގެ ރަނިންމޭޓް ކަމަށް ޑރ. ޝަހީމް ހަމަޖެއްސެވުމުން އެކަމާއި ހިތްހަމަނުޖެހުން އެކި ގޮތްގޮތުން އެކި ބޭފުޅުން ދަނީ ފާޅު ކުރަމުންނެވެ. ހަމަ އެހެންމެ ޕީޕީއެމަށް ސަޕޯޓް ކުރައްވާ ފަރާތްތަކުން އެކަމަށް ދަނީ މަރުހަބާ ކިޔަމުންނެވެ. އެއީ އެންމެ ވަފާތެރިވާނެ ކެންޑިޑޭޓް ކަމަށް ބުނަމުންދެއެވެ.