Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

"ރައީސް ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެެސްފި"

ލިޔުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ދިވެހިބަހުގެ އެކަޑަމީން ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ - ފޮޓޯ: އެޑިއުކޭޝަން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެގޮތުން 33 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އިފްތިތާޙް ކުރުމަށާއި، ލިޔުންތެރިންގެ ދުވަސް ފަހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްފައި ކަމަށާއި އާ މަންހަޖުގެ ދަށުން ދިވެހި ޤައުމިއްޔަތުގެ ލޯބި އާލާކުޅައުމުގައާއި ދަރިވަރުންގެ ފަރުދީ ޤާބިލިއްޔަތު ކުރިއަށް ނެރެވޭނެ މަގުތައް ފަހިވެފައިވާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ތަރިކަ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިޖުތިމާއީ ގުޅުންތަކާއި ޤައުމިއްޔަތުގެ ކަންކަން ތަރައްޤީކޮށް ކުރިއަރުވަން ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަދަބީ ފަންނީ ހުނަރުތަކާއި ދިވެހި މަސައްކަތްތެރިކަމުގެ ފަންނީ ހުނަރުތައް އާލާކޮށް، އެއީ ޤައުމީ ހައިސިއްތު އޮންނަކަންކަމަށް ހައްދަވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދިވެހިރާއްޖޭގައި މިހާރު އޮތީ ވަށައިޖެހިފައިވާ ތަރައްޤީއެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ ގޮތުންނާއި އުމްރާނީ އަދި އިގްތިޞާދީ ގޮތުން ވެސް ޤައުމު މިއަންނަނީ ތަރައްޤީގެ މުޅިން އާ އުސްމިންތަކަކަށް ވާސިލްވަމުން ކަމަށެވެ.