Last Updated: May 14, 09:29
Wednesday, May 14, 2025
ޚަބަރު

"ހިޔާ" ފޯމް ކަންކަން ހައުސިން އަށް ބަދަލުކޮށްފި

ފްލެޓަށް އެދެން މީހަކު ފޯމް ނަގަނީ - ފޮޓޯ: މިހާރު (ނިޝާން އަލީ)

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ 7،000 ފްލެޓަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުން ހައުސިންގ މިނިސްޓްރީގައި ފަށައިފިއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން 17 ކެޓަގަރީއަކަށް ބަހާލައިގެން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމްތައް މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ދޫކުރަމުން އަންނައިރު، އެ ފޯމްތައް ބަލައިގަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހެވެ.

މިއަދުން ފެށިގެން ފްލެޓަށް އެދި ހުށައަޅާ ފޯމް ބަލައިގަތުން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގަ އެވެ. ކުރިން މި ޚިދުމަތް ގެންދަމުން ދިޔައީ ދަރުބާރުގޭގަ އެވެ. އެހެންނަނަމަވެސް، ފޯމްތައް ބަލައިގަތުމާއި ދޫކުރާ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ރަސްމީ ދުވަސްތަކުގައި، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ފޯމު ބަލައިގަންނާނެ އެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށް ވެސް ފޯމު ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 އެވެ. އެހެންނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ އޮގަސްޓް މަހުގެ 31 އާއި ހަމައަށް އިތުރުކޮށްފަ އެވެ.

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލާފައި ވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.