ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައި ތިބި 12 ކުދިންގެ ތެރެއިން ތިން ކުއްޖަކު ރައްކާތެރިކަމާއެކު ހޮހޮޅައިން ސަލާމަތްކޮށްފިއެވެ.
ބާރަ ކުދިންގެ އިތުރުން އެކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ހައްޔަރުވީ މީގެ 14 ދުވަސް ކުރިންނެވެ. ކުދިންނާއި ކޯޗު ހޮހޮޅައިން ސަލާމަތް ކުރުމަށް މިއަދު ފެށި ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް ތިން ކުދިން ސަލާމަތް ވެފައިވާއިރު އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަަލަށް ގެންދެވިފައެވެ.
ހޮހޮޅައަށް ފެނާއި ކާބޯތަކެތި އަދި ބޭސްފަރުވާގެ އެހީވެސް ތައިލެންޑް އަސްކަރިއްޔާއާއި އޮފިޝަލުން ފޯރުކޮށްދީފައިވާއިރު ކުދިންނާއި ކޯޗަށް އާއިލާއަށް ގުޅައި ވާހަކަ ދެއްކުމަށް ބްރޯޑްބޭންޑު ކޭބަލެއް ވެސް ވަނީ ހޮހޮޅައިގެ ތެރޭގައި އަޅާފައެވެ.
ކުދިން ސަލާމަތް ކުރުމަށް އަމިއްލަ ގޮތުން އިސްނަގައިގެން ހޮހޮޅައަށް ދިޔަ ކުރީގެ ނޭވީ އޮފިޝަލަކު ވަނީ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް އޮކްސިޖަން ހުސްވެގެން މަރުވެފައެވެ.
ތިން ކުދިން ސަލާމަތް ކުރެވިފައިވާއިރު ބާކީ ތިބި ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތް ވެސް އޮފިޝަލުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.