ތައިލެންޑްގެ ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ފަށާފައިވާ ބޮޑު ނުރައްކާތެރި އޮޕަރޭޝަނުގައި 4 ކުއްޖަކު ސަލާމަތްކޮށް އޮޕަރޭޝަން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
ތައި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮޕަރޭޝަން މެދު ކަނޑާލާފައިވަނީ ދެން ތިބި ކުދިން ސަލާމަތް ކުރުމަށް ތައްޔާރުވުމަށެވެ. މިއަދު ހެނދުނު 10 ޖެހި އިރު ފެށި އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ސަލާމަތްކޮށްފައިވަނީ އެކުދިންގެ ތެރެއިން އެންމެ ހާލު ދެރަ ހަތަރު ކުދިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖްރިބާކާރު ޑައިވަރުންނާއި ތައި ނޭވީ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން އަލުން ފެށޭވަރުވާނީ މާދަމާ ހެނދުނުއެވެ.
މިހާތަނަށް ސަލާމަތް ކުރި ކުދިން ސަލާމަތް ކޮށްފައިވަނީ މުޅި މޫނު ނިވާވާ މޫނު މަތި އާއި އޮކްސިޖަން ފުޅި ބޭނުންކޮށް ބައެއް ސަރަހައްދުތަކުން ޑައިވްކޮށްގެންނެވެ.
މި އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އިރު މި ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ތައި ނޭވީގެ ކުރީގެ އޮފިސަރަކު ވަނީ އޮކްސިޖަން ފުޅިތައް ކުދިން ތިބި ސަރަހައްދަށް ލުމަށް ފަހު އެނބުރި ހޮހަޅައިން ނިކުންނަން އަންނަނިކޮށް މަރުވެފައެވެ.