ރާއްޖޭގެ 10 ދީނީ އިލްމުވެރިޔަކު ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ތާއިދު ކުރާކަން ހާމަކޮށްފިއެވެ.
ނޫސްވެެރިންނަށް ސުވާލު ކުރުން ބަންދުކޮށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އައްސަދުﷲ ޝާފީ އަހުމަދު ވިދާޅުވީ ޑރ. ޝަހީމް ރައީސްގެ ރަނިން މޭޓަކަށް ހަމަޖެއްސުމާއި ގުޅިގެން ގިަނ އިލްމުވެރިން އެކަމަށް މަރުހަބާ ކިޔާކަމަށެވެ.
އަދި ޑރ. ޝަހީމް އާއި އެކު ރާއްޖޭގެ އިސްލާމީ ވަހުދަތު ކުރިއަރައިގެންދާނެކަމަށް އިލްމުވެރިން ވިދާޅުވިއެވެ. ރައީސް ޔާމީން އާއި ޑރ. ޝަހީމްއަށް ތާއިދު ކުރައްވާކަން ހާމަ ކުރެއްވި އިލްމުވެރިންނަކީ މި ސަރުކާރުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސުމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސު އާއި ޑރ. މުހައްމަދު އިޔާޒުވަނީ ނުސީދާކޮށް ފާޑު ވިދާޅުވެފައެވެ.
ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވިކަން އިއްލާން ކުރެއްވި ޑރ. ޝަހީމްއަކީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. ފަހުން އިސްތިއުފާ ދެއްވުމަށްފަހު ހުންނެވީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޗާންސެލަރަކަށެވެ.