Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އަޒުމް ގުޑުވައެއް ނުލެވޭނެ: ޝަހީމް

ﷲގެ އިރާދަފުޅާއި އެކު އެބޭފުޅުންގެ އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސައީދުު ވިދާޅުވެއްޖެއެެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރޭ އެ ބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ﷲގެ އިރާދަފުޅުން އެބޭފުޅުންގެ އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށެވެ. މި އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޑރ.ޝަހީމް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް އެބޭފުޅާއަށް ދަނީ އަމާޒުވަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ނުރުހުން ރައްދުވި ކަމުގައިވިޔަސް ޑރ. ޝަހީމަށް ތާއީދު ކުރައްވާ މަރުޙަބާ ވިދާޅުވާ ފަރާތްތައް ވެސް މަދެއް ނޫނެވެ. އެ ގޮތުން އިއްޔެ ރާއްޖޭގެ ބައެއް އިލްމުވެރިން އިސްނަންގަވައިގެން ކުރިޔަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 10 އިލްމުވެރިއަކު އެ ބޭފުޅާއަށް ތާއީދު ކުރައްވާކަން ވަނީ ހާމަ ކުރައްވާފައެވެ.

އަދި ޑރ. ޝަހީމް އާއި އެކު ރާއްޖޭގެ އިސްލާމީ ވަހުދަތު ކުރިއަރައިގެންދާނެކަމަށް އިލްމުވެރިން ވިދާޅުވިއެވެ. ރައީސް ޔާމީން އާއި ޑރ. ޝަހީމްއަށް ތާއިދު ކުރައްވާކަން ހާމަ ކުރެއްވި އިލްމުވެރިންނަކީ މި ސަރުކާރުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވިކަން އިއްލާން ކުރެއްވި ޑރ. ޝަހީމްއަކީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. ފަހުން އިސްތިއުފާ ދެއްވުމަށްފަހު ހުންނެވީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޗާންސެލަރަކަށެވެ.