Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ބެއްޔާޖީ ސުޕަހިޓް" ގައި ޕްރިތީ

ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ކުޅަދާނަ ބަތަލާ ޕްރިތީ ޒިންތާ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމް ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޕްރިތީ ވަނީ 2011 ވަނަ އަހަރުގެ ތެރޭގައި "އިޝްގް އިން ޕެރިސް" ގެ ނަމުގައި ވެސް ފިލްމެއް ޕްރޮޑިއުސްކޮށް އޭގެ ލީޑް ބަތަލާގެ ރޯލް އަދާކޮށްފަ އެވެ.
އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އެ ފިލްމް ބެލުންތެރިންނާ ހަމަައަށް އަދިވެސް އަންނަ ގޮތެއް ނުވެ އެވެ.

އެކަމަކު އެ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ތެރޭގައި ޕްރިތީ އަންނަނީ ކުރަމުންނެވެ. އައިޕީއެލްއަކީ ޕްރިތީގެ އަމިއްލަ ކްރިކެޓް ޓީމެއް ވެސް ވާދަ ކުރާ މުބާރާތެކެވެ. ޕްރިތީގެ ޓީމަކީ ޕަންބާކީ ކިންގްސް އެވެ.

ޕްރިތީ މި ފަހަރު ސޮއިކޮށްފައިވާ ފިލްމަކީ ނީރަޖް ޕަތަކް ޑައިރެކްޓް ކުރާ "ބެއްޔާޖީ ސުޕްހިޓް" އެވެ. މި ފިލްމުން ޕްރިތީގެ އިތުރުން އަމީޝާ ޕަޓޭލް ވެސް ފެނިގެން ދާނެ އެވެ. ފިލްމްގެ ބަތަަލަކީ މީގެ ކުރިން ވެސް ޕްރިތީ އާ އެކު ފިލްމް ކުޅެފައިވާ ސަނީ ޑިއޯލް އެވެ.

"ބެއްޔާޖީ ސްޕަހިޓް" އާ ވާހަކަ ދައްކަމުން ޕްރިތީ ބުނީ އެ ފިލްމްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ފިލްމަށް އޭނާ ސޮއިކޮށްފައިވާކަން ކަށަވަރުކޮށް ދެމުން ޕްރިތީ ބުނީ ފިލްމާ ބެހޭ އިތުރު ތަފުސީލް ޕްރޮޑިއުސަރު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ޕްރިތީގެ ފާހަގަކޮށްލެވޭ ބައެެއް ފިލްމްތަކުގެ ތެރޭގައި "ކަލް ހޯ ނަހޯ"، "މިޝަން ކަޝްމީރު"، "ސަލާމް ނަމަސްތޭ" އަދި "ވީރް-ޒާރާ" ފަދަ ފިލްމްތައް ހިމެނެ އެވެ.