Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ޢާއިޝަތު ޚަލީލާ

އައިޔޫއެމް ގެ ވައިސް ޗާންސެލަރ އާއިޝަތު ހަލީލާ ޢަބްދުއްސައްތާރު--ފޮޓޯ: ސޯޝަލް މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން އެ މަޤާމަށް މިއަދު އައްޔަންކުރެއްވީ ތިލަދުންމަތީ ދެކުނުބުރި ވައިކަރަދޫ، ބުލޫހައުސް، ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އެވެ.

އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލަރ އަދި އެކްޓިން ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށް އައްޔަން ކުރުމުންނެވެ.

ކުރިން ޝަހީމް ޔުނިވާސިޓީގެ ޗާންސެލަރގެ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް މިހާރު އޭނާ ވަނީ ޗާންސެލަރގެ މަޤާމުގައި ދެމިހުރުމަށް ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ކައިރިން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް އެގޮތަށް އެދިވަޑައިގެންނެވުމުން ޔުނިވާސިޓީގެ ޗާންސެލަރގެ މަޤާމު ދޫނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި 2014 ވަނަ އަހަރު ވާދަކުރެއްވި ޚަލީލާއަކީ ދީންވެރިއެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ވެސް މެއެވެ.