ޖަޕާނަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔުމާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ މުދަލަށާއި، ގެދޮރަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ހާދިސާއިން ސަލާމަތްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ރަނގަޅަށް ކުރިއަށްދިއުމަށް އުންމީދުކުރައްވާ ކަމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.