ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަޤާމަށް ފާތިމަތު ނިއުޝާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަމީންއާންމުގެ މަޤާމު ހުސްވީ އެމަޤާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެއަށްފަހު ވަގުތީގޮތުން އެ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން އައީ އަމީން ޢާންމުގެ ނައިބުގެ ގޮތުގައި ހުންނެވި ނިއުޝާ އެވެ.
މަޖިލީހުން އަމީންއާންމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ވެސް ނިއުޝާ އެވެ.
ނިއުޝާ އެ މަޤާމަށް އައްޔަންކުރުމާ މެދު މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުން އަމީންއާންމުގެ މަޤާމަށް ނިއުޝާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެެވެ.
ނިއުޝާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމާއި ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ލީގަލް ކައުންސިލް ކަމާއި، ސީނިއަ ލީގަލް ކައުންސިލްގެ މަޤާމުވެސް އަދާކުރައްވާފަ އެވެ.
ޤާނޫނީ ދާއިރާ އިން މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލަރސް ޑިގްރީ އަދި އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީން މާސްޓަރސް ހާސިލްކުރެއްވި ނިއުޝާ މިއަދާ ހަމައަށް ހުންނެވި އަމީންއާންމުގެ ނައިބްގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ.