Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސަޢޫދީގެ އިންޓީރިއާ މިނިސްޓަރު މާލެ ވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު މާލެ ވަޑައިގަންނެވުމުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައެވެ.

‏ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮނަރ ގާޑެއް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް، ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި އެއަށްފަހު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.