Last Updated: May 15, 06:34
Wednesday, May 15, 2024
ކުޅިވަރު

"ޖެހިލުމެއް ނެތް، އެކަމަކު މިއީ ފެވަރިޓުންނެއް ނޫން"

ފީފާވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއި ދެކޮޅަށް ނިކުންނައިރު އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް ކްރޮއޭޝިޔާގެ ފޯވާޑް މާރިއޯ މަންޒުކިޗް ބުނެފިއެވެ.

އިނގިރޭސިވިލާތާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަންޒުކިޗް ބުނެފައިވަނީ އިދިކޮޅު ހުރިހާ ޓީމަކަށް އިހްތިރާމްކުރާ ކަމަށާއި އެހެން ނަމަވެސް ޖެހިލުމެއް ނުވާ ކަމަށެވެ.

"އަހަރުމެންނަށް އިތުބާރު އެބައޮތް. އިނގިރެސިން ވެސް މި ހިސާބަށް އައުން ހައްގު. އަހަރުމެންނަށް ވެސް ހައްގު" މަންޒުކިޗް ބުންޏެވެ.

އެތްލެޓިކޯ މެޑްރިޑް، ބެޔާން މިއުނިކް އަދި ޔުވެންޓަސް އާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަންޒުކިޗް ބުނީ، ނޮކްއައުޓް ސޭޓޭޖްގައި ކުޅުނު ދެ މެޗްގައި ވެސް އިތުރު ވަގުތު ކުޅެން ޖެހުނު ނަމަވެސް ޓީމުގެ ކުޅުންތެރިން ވަރުބަލި ނުވާނެ ކަަމަށެވެ.

"ހުރިހާ އެންމެން ވެސް ތައްޔާރު. މިއީ ވޯލްޑްކަޕް ސެމީ ފައިނަލް. އަހަރުމެން މިތިބީ ތައްޔާރަށް، އެއްވެސް މީހަކު އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރާނެ" މަންޒުކިޗް ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ސެމީފައިނަލުގައި ކްރޮއޭޝިޔާ އިން އިނގިރޭސިވިލާތާއި ދެކޮޅަށް ނިކުންނައިރު މިއީ، ފާއިތުވި 20 އަހަރު ތެރޭގައި ކްރޮއޭޝިޔާ އިން ވޯލްޑްކަޕްގެ ސެމީފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.