މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާ އެކު ރަނިން މޭޓެއްގެ ގޮތުގައި ނުކުންނާނެ މީހަކު އިއުލާން ކުރުން ޖުމްހޫރީ ޕާޓީން އަވަސްކޮށްފިއެވެ.
އެ ޕާޓީން މީގެ ކުރިން ރަނިން މޭޓް އިއުލާން ކުރާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރު ވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހުގެރޭ ރަނިން މޭޓް އިއުލާން ކުރުން އަވަސް ކުރަން ރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުން ނިންމައިފަ އެވެ.
ކިޔާލަން: ވިލިމާލެ ރައްޔިތުންނާ އިބޫ ބައްދަލު ކުރައްވައިފި
އެ ޕާޓީން ބުނީ ރަނިން މޭޓްގެ މަގާމަށް ކުރިމަތިލުމުގެ މުހުލަތު 13 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ހަމަވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ އިންތިހާބަށް މި މަހުގެ 15-25 އާ ދެމެދު ރިޔާސީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ބުނެފައެވެ.
އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީން ރަނިން މޭޓެއް ކަނޑައެޅުމާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތަށް އިތުރަށް ވަރުގަދަވެ، އަތޮޅުތެރޭގައި ކެމްޕެއިން ހަރަކާތަށް ރަސްމީކޮށް ފަށާނެ ކަމަށެވެ.