Last Updated: June 13, 02:24
Friday, June 12, 2026
ރިޕޯޓް

ހަމްޒަތުގެ މަރު: ކަރެކްޝަނަށް އަނެއްކާ ވެސް އިނގިލި!

ޖަލުތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ އެކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓުން މަހްލޫފު މިވަނީ ކުށްވެރިވެ ޖަލަށް ވަންނަން ޖެހޭ ހިސާބުގައެވެ.

މަހްލޫފުގެ މައްޗަށް ދައުލަތުން ދައުވާކޮށް ޖަލަށް ހުކުމް ކުރުމާއި ހިސާބުގައި މައްސަލަ އޮތް އިރު މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫ ސިލްވާ، ހަމްޒަތު އަހުމަދު ވަނީ ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. 25 އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުން ދިޔަ ހަމްޒަތު، 38، އަށް ސްޓްރޯކް ޖެހުނީ މިިދިޔަ ބުދަ ދުވަހު ހަވީރު އެވެ. ހަމްޒަތުއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މާފުށީ ޖަލު ޑޮކްޓަރެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ހަމްޒަތު މާލެ ގެންގޮސްފައިވަނީ އޭގެ ފަސް ގަޑި އިރު ފަހުންކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ހަމްޒަތުގެ މަރާއި އެކު އޭނާގެ ބައްޕަ އަހުމަދު ފަތުހީ ބުނީ އޭނާގެ ދަރިފުޅު "މަރާލީ" ކަމަށެވެ. ފަތުހީ ބުނީ ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެނައީވެސް ހަމްޒަތު ޝަކުވާ ކުރަން ފެށުމުން ކަމަށެވެ. އައިޖީއެމްއެޗަށް ގެނައިކަން ވެސް އާއިލާއަށް ނާންގާ ކަމަށާއި އެކަން އެންގީވެސް ހަމްޒަތު މައްސަލަ ޖައްސަން ފެށުމުން ކަމަށް ފަތުހީ ވަނީ ބުނެފައެވެ.

ހަމްޒަތު ނިޔާވީ އައިޖީއެމްއެޗުން އޭޑީކޭއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް އޭޑީކޭ އައިސީޔޫގައެވެ. ހަމްޒަތު ވެފައިވަނީ މި އަހަރު ޖަލަށް މަރުވި 3 ވަނަ މީހާއަށެވެ.

ޖަލުގައި މިދިޔަ އަހަރު 5 ގައިދީއަކު މަރުވެފައިވާއިރު އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި 6 ގައިދީއަކު މަރުވެފައިވެ އެވެ.

ހަމްޒަތުގެ މަރާއި އެކު އަނެއްކާވެސް މަހްލޫފު ވަނީ ކަރެކްޝަނަށް ތުހުމަތުގެ އިނގިލި އަމާޒު ކޮށްފައެވެ. މަހްލޫފު ވިދާޅުވީ ޖަލުގައި ގައިދީން މަރުވަނީ ނޫންކަމަށާއި، އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށް ތުހުމަތުކޮށްފައެވެ.

މަހްލޫފު ވިދާޅުވީ 2 އަހަރު ތެރޭ 14 މީހުން މަރުވުމަކީ އިހްމާލުވުން ވާކަން ކަށަވަރުކޮށްދޭ ކަންކަންކަމަށް ވިދާޅުވެފައެވެ. އަދި ޖަލަށް ލިޔަސް އެވާހަކަ ދައްކަވާނެކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ޖަލުތަކުގައި މަރުވެފައިވާ މީހުންގެ އާއިލާތަކުންވެސް ގަބޫލް ކުރަނީ އެފަރާތްތަކަށް ޖަލުން އެކަށީގެންވާ ފަރުވާ ނުދޭކަމަށެވެ. އަދި އެއިން ކޮންމެ މަރެއްގައި އިހްމާލުވުންތަކެއް ވާކަން ގަބޫލުކޮށް އެފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. މިއީ ކަންބޮޑުވާ މައްސަލައެއް ނަމަވެސް ކަރެކްޝަނުން އަދި މިކަމުގައި ވާހަކައެއް ނުދައްކަވައެވެ.

ނަމަވެސް އާއްމު ގޮތެއްގައި ފެންނަ މަންޒަރަކީ މިފަދަ ވާހަކަ ދައްކާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެ ނެރެލާ ނޫސް ބަޔާނެކެވެ.