Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

"ބޭންކް އެކައުންޓްތައް ރައްކާތެރި ކުރޭ"

އޮޅުވާލައިގެން ބޭންކުގެ ނަމުގައި އެސްއެމްއެސް ފޮނުވާ، ވައިބަރ ޒަރިއްޔާއިން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވެ އެކައުންޓްތައް ރައްކާތެރި ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކަސްޓަމަރުންނަށް އެސްއެމްއެސް އަދި ވައިބަރ މެދުވެރިކޮށް މެސެޖް ލިބެމުންދާ ކަމުގެ މައުލޫމާތު އެބޭފުޅުންނަށް ލިބެމުންދާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މެސެޖް ފޮނުވާ ފަރާތުގެ ނަމަކީ "ބީއެމްއެލް" ނުވަތަ ބީއެމްއެލް އާއި ގުޅުން ހުރި ނަމްބަރެއް ކަމަށް ކަމަށް އެ މެސެޖް ލިބޭ ފަރާތަށް ފެންނަ ގޮތަށް މެސެޖް ކުރެވޭ ތަފާތު އެޕްލިކޭޝަންތައް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ބޭނުން ކުރަމުންދާކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯންކޯލް މެދުވެރިކޮށް ކާޑު ނަމްބަރު، ސީވީސީ ކޯޑު، ކާޑުގެ މުއްދަތު ހަމަވާ ތާރީހު އަދި އޯޓީޕީ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެފަދަ މެސެޖްތަކާއި ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ބޭންކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި މައުލޫމާތު ހޯދަނީ ބޭންކުން ކަމަށް ހީވި ކަމުގައިވިޔަސް ކާޑުގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ބީއެމްއެލްއިން އެދިފައިވެއެވެ.

ބީއެމްއެލް އިން އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ނުހޯދާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.