ތައިލޭންޑްގެ ހޮހަަޅައިގައި ތާށިވި ކުދިންގެ ތެރޭން މިހާރު ސަލާމަތް ނުކުރެވި ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތް ކުރަން ޑައިވަރުން ހޮހަޅައަށް ވަދެއްޖެއެވެ.
ޑައިވަރުންގެ ބުރަ މަސައްކަތުން މިހާތަނަށް ވަނީ އޭގެ ތެރޭގައި ހިމެނު އަށް ކުއްޖަކު ސަލާމަތް ކޮށް ހޮހަޅައިން ނެރެފައެވެ. އެއީ އާދީއްތަ ދުވަހު ނެރުނު ހަތަރު ކުދިންނާއި އިއްޔެ ނެރުނު ހަތަރު ކުދިންނެވެ. ފުރަތަމަ ދުވަހަށްވުރެ ދެގަޑިއިރު ކުރިން ދެވަނަ ދުވަހުގެ މަސައްކަތް ނިންމިފައިވާތީ މިއަދުގެ މަސައްކަތުން ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗް ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މިހާތަނަށް ސަލާމަތް ކުރެވުނު އަށް ކުދިންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެކުދިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ކުދިންނާއި ބައްދަލު ވުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އާއިލާއަށް ދެވިފައިވާ ކަމަށާއި އަދިވެސް ކަރަންޓީން ކުރެވިފައި ވުމުގެ ސަބަބުން އެއްކޮށް ބައްދަލުކޮށް އުޅުމުގެ ފުރުސަތު އާއިލާތަކަށް ނުދެވޭ ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.
ކުދިން ސަލާމަތް ކުރުމުގެ މިއަދުގެ މަސައްކަތް 19 ޑައިވަރުންނާއިއެކު މިހާރު ވަނީ ފަށާފައެވެ.