މިމަހުގެ މެދު ތެރޭ އިޔޫއިން ރާއްޖެ އާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، އީޔޫއިން ފިޔަވަޅު އެޅިއަސް ކުށްވެރިން ދޫކޮށް ނުލައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެެއެވެ.
މ. ދިއްގަރު ރައްޔިތުންނާއި މިއަދު ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އީޔޫގެ ފިޔަވަޅަށް އިންތިޒާރު ކުރައްވާ ކަމަށާއި ނަަމަވެސް އެއްވެސް ސިޔާސަތެއް ބަދަލެއް ނުކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ކުށްވެރިން ދޫކޮށްލުމާއި މަޖްލިސް މެމްބަރުންގެ ގޮޑި އާއި މެދު އެމަނިކުފާނަށް ކުރެއްވޭނެކަމެއް ނެތް ކަމަށެވެ. އަދި އީޔޫ އާއި އެކު ސަރުކާރުން މަޝްވަރާ ކުރަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީޔޫން އަޑު އަހަން ބޭނުންވަނީ ސަރުކާރުގެ އަޑެއް ނޫންކަމަށެވެ. އެހެންވެ އެފަރާތްތަކާއި އެކު ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވި އިރު މިދިޔަ މަހުގެ ތެރޭގައި ސަރުކާރުގެ ވަފްދެއް ވަނީ އީޔޫ އާއި ބައްދަލުކޮށްފައެވެ. އަދި ސަރުކާރުން ބުނެފައިވަނީ އީޔޫއިން ރާއްޖެއާއި މެދު ފިޔަވަޅު ނާޅާނެކަމަށެވެ.
އީޔޫން ވަނީ ރާއްޖެ އާއި ގުޅޭ ގޮތުން ގިނަ ޝަރުޠު ހިމެނޭ ގަރާރެއް ފާސްކޮށްފައެވެ.