ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން ރާއްޖެއާ މެދު ފިޔަވަޅު އަޅައިފިނަމަ ހުރިހާވެސް ދެރައެއް ލިބެން އޮތީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެފަދަ ފިޔަވަޅެއް ރާއްޖެއާ ދެކޮޅަށް އަޅައިފިނަމަ ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ނުސީދާ ގޮތުން ރައީސް ޔާމީނަށް ދޫދެއްވުމަށް ގޮވާލާފައި މިވަނީ އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ޔާމީން މިއަދު މ. އަތޮޅުގެ ތިން ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އީޔޫއިން ފިޔަވަޅު އެޅިޔަސް ކުށްވެރިން މިނިވަން ކުރާނެ ރައީސަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ އެއްކޮށް ތިއްބެވި ސިފައިންނާއި ފުލުހުންނާއި ކޯޓުތަކުގެ ފަނޑިޔާރުން ރައީސް ޔާމީނާ އެއްކޮށް ތިއްބަވައިފި ނަމަ ރާއްޖެ ފަގީރު ވެގެން ދާނެ ކަމަށެވެ.